ކޮންމެ މީހަކަށްވެސް ނިދާގަޑިޔަކީ ފޯނު ޗާޖުކުރުމަށް އެންމެ ފަސޭހަ ގަޑިއެވެ. ސަބަބަކީ އެ ގަޑީގައި އެއްވެސް މީހަކަށް މެސެޖުކުރަން ނުވަތަ ގުޅަން ނުޖެހޭނެތީ އެވެ. އިންޓަނެޓް ބޭނުންކުރުން ފަދަ އެއްވެސް ކަމެއް ފޯނުންނުކުރަން ނުޖެހޭނެތީ އެވެ. އަދި ނިދާ ހޭލައިގެން ދުވަހުގެ ކަންކަމާއި ކުރިމަތިލާއިރު ފޯނު އޮންނާނީ ފުރިހަމައަށް ޗާޖުވެފައި ކަމަށް ވާތީ އެވެ.
އެހެންނަމަވެސް މިއީ ކިހާ ނުރައްކާތެރި ކަމެއްކަން ގިނަ މީހުންނަށް އޮންނަނީ ނޭނގިފަ އެވެ.
ކޮންޒިއުމާ އެފެއާސްގެ ކަންކަމުގައި ތަޖުރިބާކާރު ފަރާތްތަކުން ބުނާގޮތުގައި ނިދަން ދަމުން ނުވަތަ ނިދަން އޮށޯންނަމުން ފޯނު ޗާޖު ކުރުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. ސަބަބަކީ އެގޮތަށް އަމަލުކުރުމުން އަލިފާނުގެ ހާދިސާއެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާތީ އެވެ.
އެ ފަރާތްތަކުން ބުނާގޮތުގައި ފޯނު ގިނަ އިރު ތަކެއްވަންދެން ޗާޖަށް ޖަހާފައި ބޭއްވުމުގެ އިތުރުން ޗާޖުކުރުމަށް ފޯނު ބާއްވާ ތަނަކީވެސް ސަމާލުވެ ވިސްނަންޖެހޭ ކަމެކެވެ. ސަބަބަކީ ފޯނު ޗާޖަށް ޖަހައިފައި ގިނަ އިރުތަކެއް ވަންދެން ބޭއްވުމުން ފޯނުގެ ބެޓަރި އޯވާ ހީޓްވުމުގެ ފުރުސަތު އޮތުމާއެކު ހޫނު ވެގެންގޮސް، ފޮތި ނުވަތަ ގޮދަޑިފަދަ ތަކެތީގައި އަލިފާން ހިފުމުގެ ފުރުސަތު ބޮޑު ތަނެއްގައި ބޭއްވުމުން އަލިފާން ރޯވެދާނެތީ އެވެ.
ފޯނު ޗާޖަށް ޖަހަނީ ތިބާ ނިދަން އޮންނަ ތަނާ ކިތްނުމަ ދުރުގައި ކަމަށް ވިޔަސް މިއީ އަލިފާނުގެ ހާދިސާއެއް ކުރިމަތިވެއްޖެ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އުނދަގޫވާނެ ކަމެކެވެ.
ބައެއް ތަޖުރިބާކާރު ފަރާތްތަކުން ވަނީ ފޯނު %100 އަށް ފުރިހަމައަށް ޗާޖުކުރުމަކީ ވެސް ގޯސްކަމެއް ކަމަށް ބުނެފަ އެވެ.
އެ ފަރާތްތަކުން އެހެން ބުނާ ސަބަބަކީ ފޯނުގެ ބެޓަރީގެ އުމުރު ކުރުވުމުގެ އިތުރުން ފޯނު ބޭނުންކުރުމަށް ދަތިވެ އެތައް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެތީ އެވެ. ވީމާ، ދެން ނިދަން ދަމުން ނުވަތަ ނިދަން އޮށޯންނަމުން ފޯނު ޗާޖަށްޖަހާފައި ބޭއްވުމުގެ ކުރިން އެކުރެވެނީ ކިހާ ނުރައްކާތެރި ކަމެއްކަމާ މެދު ވިސްނާލަމާތޯ؟