ރައީސް އިބްރާހީމް މުހައްމަދު ޞޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އޭރު އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމަށް ޕަބްލިކް އިންކްއެރީއެއް ހަދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްމުޣުނީ އެވެ.
މި ގަރާރުގައި ބުނެފައި ވަނީ ރައީސް ޞޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތާއި ސިޔާދަތަށް އަސަރުކޮށްފައިވާ ކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރި ކަމަށެވެ.
ޕްބްލިކް އިންކްއެރީއެއް ހަދަން ގޮވާލާފައި ވަނީ ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިން ތިބެ ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ނަގާލުމަށް ރާވަމުން ދިޔަކަމަށް ކުރި ތުހުމަތުތަކާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ބުނެ ކުރި ތުހުމަތުތަކެވެ.
މީގެ އިތުރުން ދައުލަތުން ކޮރަޕްޝަން ހިންގިކަމަށް ބުނެ ކުރަމުން ދިޔަ ތުހުމަތުތައް ވެސް ހިމެނެ އެވެ.
ރައީސް ޞޯލިހުގެ ސަރުކާރަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ރިޔާސީ ކެމްޕެއިން ތެރޭގައި އޭރު އިދިކޮޅުގައި އޮވެ ޕީޕީއެމް/ޕީއެންސީން ކުރަމުން ގެންދިޔަ އެވެ. މީގެ އިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން އަސްކަރީ ހަރަކާތްތައް ހިންގަން ތިބި ކަމަށް ބުނެ ވެސް ތުހުމަތުތައް ކުރި އެވެ.