2003 ވަނަ އަހަރު ނުކުތް ފިލުމު "ކަލް ހޯނަހޯ"އަކީ މިއަދު ވެސް ގިނަ ބައެއްގެ ހިތުން ޖާގަ ދެވިފައިވާ ރީތި އަދި ފުރިހަމަ ފިލްމެކެވެ.

އެ ފިލްމު ސިނަމާގައި އެޅުވިތާ 20 އަހަރު ފާހަގަ ކުރުމުގެ ގޮތުން ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ އޭނާގެ އިންސްޓަގްރާމްގައި ވަރަށް ދިގު މެސެޖެއް ހިއްސާކޮށްފަ އެވެ.

ކަރަން ބުނީ އެ ފިލްމަކީ މިއަދާ ހަމައަށް ވެސް އެންމެންގެ ހިތުގައި ފުން ލޯތްބެއް ދެވިފައިވާ ފިލްމެއް ކަމަށާއި އެކަން އެހެން ވީ ކެމެރާގެ ކުރިމަތިންނާއި ފުރަގަހުން މަސައްކަތްކުރި ޓީމުގެ ސަބަބުން ކަމަށެވެ.

އެ ޓީމުގެ މަސައްކަތް ފާހަގަކޮށް ކަރަން ވަނީ ކަލް ހޯނަހޯގެ އެކްޓަރުންނާއި ކެމެރާ ފުރަގަހުން މަސައްކަތްކުރި ހުރިހާ ޓެކްނީޝަނުންނަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

މި މުނާސަބަތާ ގުޅިގެން ފިލްމުގެ ލީޑު ކަމަށްވާ ސައިފް އަލީ ޚާން ބުނީ އެ ފިލްމުގެ ތެރެއިން ޝާހްރުކް ޚާން އޭނާއަށް ލީޑް އެކްޓަރެއްގެ ޒިންމާތައް ދަސްކޮށްދިން ކަމަށެވެ.

އެ ފިލްމުގައި އެސިސްޓަންޓް ޑިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވި އަރްޖުން ކަޕޫރު ބުނީ ޝާހްރުކް ޚާންއާއި ސައިފް އަލީ ޚާންގެ މެދުގައި އެއްވެސް ވާދަވެރިކަމެއް ނުފެންނަ ކަމަށެވެ.

ޝާހުއާއި ސައިފްގެ އިތުރުން ކަލް ހޯނަހޯގެ މުހިއްމު ރޯލުތަކުން ފެނުނު ތަރިންގެ ތެރޭގައި ޕްރިތީ ޒިންތާ އަދި ޖާޔާ ބައްޗަން ހިމެނެ އެވެ.