ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށް ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވި ކަމަށްޓަކައި މާތް ﷲ ސުބުހާނަހޫ ވަތައާލާ އަށް ހަމްދުކޮށް އެމަނިކުފާނަށް ވަރަށް އިހްލާސްތެރިކަމާއެކު ކޯލިޝަންގެ ލީޑަޝިޕާއި ސެނެޓް އަދި އެންމެހާ މެމްބަރުންގެ ފަރާތުން މަރުހަބާ ދަންނަވާ ކަމަށެވެ.

އެ ދެ ޕާޓީން ބުނި ގޮތުގައި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ތުރުކީ އަދި ތަފާތު އެކި ގައުމުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވައި އެ ގައުމުތަކާއި ރާއްޖެ އާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމުގެ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރައްވައިފަ އެވެ.

ތުރުކީ ވިލާތުގެ ވެރިންނާއި ކޮޕް28 ކޮންފަރެންސްގެ ހަވާސާގައި ތަފާތު އެކި ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދިވެހި ރައްޔިތުންނަށާއި ރާއްޖެ އަށް ބޭނުންވާ ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގެވުމުގައި އެ ގައުމުތަކުގެ އެހީތެރިކަން ހޯއްދެވުމުގެ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމާ އެކުގައި ކުރިއަށް ދިޔަ ކަމަށް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

"އަޅުގަނޑުމެން އެދެނީ ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ދިވެހީން ބޭނުންވާ ތަރައްގީ ހޯއްދެވުމުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ކާމިޔާބު މަސައްކަތްޕުޅުތަކެއް ކަމުގައި ވެގެން ދިއުމެވެ. އަދި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި މިކޯލިޝަންގެ އެންމެހާ މެންބަރުން އެމަނިކުފާނާ އެކު ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައިވެސް އަރުވަމެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެ އެވެ.