ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ދަންމާލަން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ނިންމަވައިފި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް މި ދައުރު ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށެވެ.

ދައުރު ދަންމާލަން ނިންމީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރުން ހިމެނޭ ގޮތަށް މުހިންމު މަސައްކަތްތަކެއް އަދިވެސް ކުރަން ހުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަށް މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އަހާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މަޖިލިހުގެ ދައުރު ދަންމާލަން ނިންމި އިރު، ތިން ވަނަ ދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީ އަށް ދާން އޮތީ މާދަމާ އިން ފެށިގެންނެވެ. އެގޮތަށް ނިންމާފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ.

މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން ނަމަ، ޑިސެމްބަރު މަހުން ފެށިގެން މަޖިލިސް އޮންނާނީ ޗުއްޓީގަ އެވެ.

މަޖިލީހުގެ މި ދައުރުގެ ބޮޑުބައި ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ކުރިއަށް ނުގެންދެވި އެވެ. އެ މައްސަލަ ތާވަލު ނުކުރުމާއި މަޖިލީހުގައި އޮތް އިހުތިޖާޖުތަކާ ހެދި މަޖިލީހުގައި އިތުރު އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދެވުނެވެ.