ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ދޮގާއި މަކަރު ހަދައި އޮޅުވާލައިގެން ކަމަށާއި މި ވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ މެމްބަރުން އެގޮތަށް ގޮވާލެއްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަން އެއްބަސްވެފައިވާ ކަމަށް ބުނެ، އެ އެއްބަސްވުން ހާމަކުރަން ގޮވާލައި މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގެ މަރުހަލާގެ ތެރޭގަ އެވެ. މަޖިލިހުގެ ޖަލްސާ އަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ މަޖިލިހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ.

ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިންޑިއާގެ ހަތިޔާރު އެޅި އެތައް ހާސް ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބި ކަމަށް ވިދާޅުވެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިއާގައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އެހެންވެ، ރާއްޖޭގެ މިލިޓަރީ ވިސާއެއްގައި އިންޑިއާގެ ކިހާ ސިފައިންނެއް ތިބިތޯ އާއި އިސްތިގުލާލަށް އުނިކަން އައިސް ރާއްޖޭގެ މިނިވަން ކަން ގެއްލިފައިވާ ރައީސް މުއިއްޒު ވިދާޅުވާ އެގްރީމަންޓުތައް ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލިހަށް ހާމަކޮށް އެގްރީމަންޓުގެ އެފަދަ މާއްދާތައް ފޮރުވުމެއް ނެތި ރައްޔިތުންނަށް ހާމަކުރަން ގޮވާލާ ކަމަށް ކުއްލި މައްސަލައިގައިވެ އެވެ.

ރާއްޖޭގައި ތިބި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އިންޑިއާގެ އެތައް ހާސް ސިފައިން ރާއްޖެ އިން ބޭލުމާ ގުޅޭ ގޮތުން ދުބާއީގައި ބޭއްވުނު ކޮޕް28 ސަމިޓަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކުގައި ބޭއްވި ސައިޑްލައިން ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަމަށާއި އެ އެއްބަސްވުން ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލިހަށް ހާމަކުރުމަށް ގޮވާލާ ކަމަށް ވެސް މައްސަލައިގައި ބުނެފައިވެ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް މައިގަނޑު ގޮތެއްގައި ވިއްކާފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުނު ވާހަކަ އާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ގެއްލޭ މިންވަރަށް އެތައް ހާސް އިންޑިއާ ސިފައިން ތިބި ވާހަކަ ކަމަށެވެ.

އެކަމަކު، ވެރިކަމަށް އައިސް ބެލިއިރު، ފެނުނީ ރާއްޖޭގައި 77 އިންޑިއާ ސިފައިން ތިބި ތަން ކަމަށް ޝިފާއު ވިދާޅުވި އެވެ. އެއީ މީގެ ހަތަރު އަހަރު ކުރިން 2019 ގައި ވެރިކަމަށް އައި ސަރުކާރުން ވެސް ހާމަ ކުރި އަދަދު ކަމަށް ޝިފާއު ވިދާޅުވި އެވެ.

"ހަގީގަތަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ދޮގާއި މަކަރާއި އޮޅުވާލުންތަކާ އެއްކޮށް ވެރިކަމަށް އައި ބަޔަކަށް ވެރިކަން އެކުލަވާލަން ނޭނގިގެން މިއުޅެނީ. އަޅުގަނޑުމެން މި މަޖިލިހުގެ ޒިންމާއެއް އެބައޮތް. އަވަހަށް މި ވެރިކަން ނިންމަންވީ،" ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ، ދޮގާއި މަކަރުގެ ތެރޭގައި ރައީސް މުއިއްޒަށް ފަސް އަހަރު ހޭދަ ނުކުރެއްވޭނެ ކަމަށެވެ. އެގޮތަށް އެކަން ކުރެވޭނެ ކަމަށް ރައީސް ހީފުޅު ކުރެއްވުމަކީ "ވަރަށް ބޮޑު ކުށެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވީ ރައީސް މުއިއްޒު އަވަށްޓެރި ގައުމުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ މޭރުމަކުން ވާހަކަފުޅު ދެއްކެވުމަށް ފަހު ވެރިކަމަށް ވަޑައިގެން އެއްވެސް އަސްލެއް ދެއްކެވިފައި ނުވާތީ މިއަދުގެ ރައީސްއާ ދޭތެރޭގައި އިތުބާރު އޮތްތޯ ނުވަތަ ނޫންތޯ ބަލަން ޖެހޭ ކަމަށެވެ.

"މިއަދުގެ ރައީސަށް ސަރުކާރުގެ ފުރިހަމަ ބާރު ލިބިފައިވާ އިރު އިންޑިއާ ސިފައިންނާ ބެހޭ ގޮތުން އެ ދައްކާފައިވާ ވާހަކައަކީ ކިހާވަރެއްގެ ހަގީގަތެއްތޯ، ނޫންތޯ ސާފުކޮށް ނުދެއްވިއްޖެ ނަމަ، މި އިއްޒަތްތެރި މަޖިލީހުން އެ ބޭފުޅާގެ [ރައީސްގެ] ނޯ-ކޮންފިޑެންސަކަށް ދާން އެބަ ޖެހޭ. އެއީ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ސޮއި ކުރާނެ ވާހަކަ ދަންނަވަން،"

ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް އައީމަ އެ ވެރިކަމެއްގެ އަސްލެއް ނޫނީ ގާނޫނީ ހައިސިއްޔަތެއް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އިންޑިއާއާ ބެހޭ ގޮތުން ދޮގު ވާހަކަތައް ދައްކާ އިރު، އިންޑިއާއަކީ ރާއްޖެ އަށް ދިމާވި ކޮންމެ ކަމެއްގައި އެންމެ ގާތުން ދިވެހިންނަށް އެހީތެރިވި ވަރަށް ގާތް ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާޝިދު (ރާޑޯ) ވިދާޅުވީ ރައީސަށް ރައްޔިތުން ވޯޓު ދިނީ އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަށް ގޮވާލައްވައި ސާބިތުކޮށްނުދެވިއްޖެ ނަމަ، އެ މަނިކުފާނުގެ އިސްތިއުފާއަށް އޭނާ ގޮވާލެއްވި އެވެ.

"އެކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ، އަޅުގަނޑުމެން މި މަޖިލީހުން ފިޔަވަޅު އަޅަން ޖެހޭނެ. އެ މަނިކުފާނު ވެރިކަމުން ވައްޓާލަން ޖެހޭނެ، ބާލަން ޖެހޭނެ،" ރާޝިދު ވިދާޅުވި އެވެ.