ތެލެސީލިއާއަށް ފަރުވާ ދޭ ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމަށް ނިންމައި ބޯންމެރޯ ހެދޭ ހުރިހާ ކުދީންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ދައުލަތުގެ ހަރަދުގައި ހެދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ސަރުކާރު ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ ތެލެސީމިއާ ބައްޔަށް ފުރިހަމަ ފަރުވާ ފޯރުކޮށްދެވޭނެ ހޮސްޕިޓަލެއް ގާއިމުކުރަން ވެސް ނިންމާފައިވާ ކަމަށެވެ. އަދި މިހޮސްޕިޓަލް ތަރައްގީކުރެއްވުމަށް ނިންމަވާފައިވަނީ ބޯން މެރޯ ޓްރާންސްޕްލާންޓު އޮޕަރޭޝަންވެސް ކުރެވޭނެ ފެންވަރަށް ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ މި ހޮސްޕިޓަލު ގާއިމުކުރަން ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގައި ކަމަށެވެ. އަދި މި ހޮސްޕިޓަލު ގާއިމުކުރުމަށް 25 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ ރާއްޖޭގައި ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް ގިނަ ކަންތައްތަކެއް އަދުގެ ސަރުކާރުން ކޮށްދެއްވުމަށް ރާއްވަވާފައިވާ ކަމަށެވެ. އެގޮތުން ތެލިސީމިއާ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

"މީގެ ނަތީޖާއެއްގެ ގޮތުން އާންމު އެހެން ބޭސްތަކެކޭ ވެސް އެއްފަދައިން ބޭސް ސިޓީ ހިފައިގެން، އެސްޓީއޯގެ ނުވަތަ އެހެން ފާމަސީއަކަށް ގެންދިއުމުން ވެސް، އެ ބޭސް ސިޓީ މާލޭގައި ވެސް އަދި ހަމަ އެހެންމެ ރަށްރަށުގައި ވެސް ބޭސް ސިޓީއަށް ބޭނުންވާ ބޭހާއި އެހެނިހެން ކޮންޒިއުމެބަލްސް ލިބޭ ގޮތް ހަމަޖެހޭނެ،" ފިރްޒުލް ވިދާޅުވި އެވެ.

ތެލަސީމިއާ ކުދިން ތަކުރާރުކޮށް ލޭ އަޅަން ޖެހޭތީ ހަށިގަނޑުގެ ގުނަވަންތަކުގައި އަޔަން ގިނަވާ ވަރު ދެނެގަތުމަށް ހަދާ ޓީޓޫ ސްޓާ ޓެސްޓް އާންމުކޮށް ދެ އަހަރުން އެއް އަހަރު ހަދަން ޖެހޭ އިރު މިއީ ވެސް މިހާރު އަމިއްލަ ތަންތަނުން ނޫނީ ރާއްޖޭގައި ހެދޭ ޓެސްޓެއް ނޫނެވެ. ކެބިނެޓުން މިއަދު ވަނީ ދައުލަތުގެ ބަޖެޓުގެ ތެރެއިން މިހާރު ވެސް މި ޓެސްޓުހެ ހަރަދު ކަވަރުކުރިޔަސް ލަސްތަކެއް ދިމާވާތީ އާސަންދަ ލިބޭ ގޮތް ހަދަން ނިންމައިފަ އެވެ. އަދި ރަސްމީ ސިއްހީ ނިޒާމުގެ ތެރެއިން މި ހިދުމަތް ލިބޭ ގޮތް ވެސް އަދި ހަމަޖައްސާނެ ކަމަށް ފިރްޒުލް ވިދާޅުވި އެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒު

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ މިވަގުތު ހާލަތުގައި ތެލެސީމިއާ ބަލި ވާރުތަ ކުރޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ހެދޭ ޓެސްޓުގެ ތެރެއިން ބައެއް މީހުންނަކީ އެކަން އިތުރަށް ދެނެގަތުމަށްޓަކައި ޑީއެންއޭ ޓެސްޓު ފުރިހަމަ ކުރަން ޖެހޭ މީހުން ކަމަށެވެ.

"ތަފާސްހިސާބުތަކަށް ބަލާއިރުގައި ތެލެސީމިއާ ވާރުތަ ކުރޭތޯ ނޫންތޯ ބެލުމަށް ޓެސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން %30 މީހުން ޑީއެންއޭ ޓެސްޓަށް ޕްރޮސީޑް ކުރަން ޖެހޭ އެކަން އިތުރަށް ދެނެގަތުމަށްޓަކައި. ނަމަވެސް މިއަދުގެ ހާލަތުގައި މި ޑީއެންއޭ ޓެސްޓު ފުރިހަމަ ކުރެވެނީ އަމިއްލަ ފަރާތަކުން ފޯރުކޮށްދޭ ހިދުމަތެއްގެ ތެރެއިން. ދެވަނަ ކަމަކަށް މި އާސަންދަ ތެރެއިން ކަވާކޮށް ނުދޭ.". ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ ތެލެސީމިއާ ކުދީންގެ ތެރެއިން ބޯންމެރޯ ހެދޭ ހުރިހާ ކުދީންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ދައުލަތުގެ ހަރަދުގައި ހެދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ.