ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފި އެވެ.

އާޒިމާގެ އިތުރުން ޕީއެންސީގެ ޓިކެޓްގައި މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ވެސް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން މިއަދު އީސީއަށް ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ.

މޭޔަރު ކަމަށް ވާދަކުރައްވަން އާޒިމާ ފޯމް ލައްވާފައިވާއިރު، އޭނާ އަންނަނީ މޭޔަރު ކަމުގެ ކެންޕެއިން ކުރިއަށް ގެންދަމުންނެވެ.

އާޒިމާގެ އިތުރުން އެމްޑީޕީގެ ފަރާތުން މޭޔަރުކަމަށް ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވެސް މިއަދު އިލެކްޝަންސް އަށް ވަނީ ފޯމު ހުށައަޅުއްވައިފަ އެވެ.

މީގެ އިތުރުން މޭޔަރުކަމަށް ދެން ވާދަކުރައްވާނެ ކަމަށް އިއުލާނު ކޮށްފައިވަނީީ ޑިމޮކްރެޓްސްގެ ފަރާތުން، ސިޓީ ކައުންސިލްގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ، ޕީއެންއެފްގެ ފަރާތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އެވެ.

މާލޭގެ މޭޔަރުގެ މަގާމް ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. މެމްބަރުންގެ ގޮނޑިތައް ހުސްވީ ސަރުކާރުގެ އެކި މަގާމުތަކަށް ވަޑައިގަތުމުންނެވެ.

މާލޭ ސިޓީގެ ހުސްވެފައިވާ މޭޔަރުގެ މަގާމާއި، މެންބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.