ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، ވަޒީރަކާ ސުވާލު ކުރައްވަން ހުށަހެޅުއްވުމުން މަޖިލީހަށް ހާޒިރުވެ ޖަވާބު ދޭން ޖެހޭ މުއްދަތު ތިން ދުވަހަށް ކުރުކޮށް، ސުވާލާ ގުޅުން ނެތް އެހެނިހެން ސުވާލުތައް ވެސް ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލިހަށް މިއަދު ފޮނުވައިފި އެވެ.

ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިހަށް ފޮނުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑު) އެވެ. މޯޑު ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަޒީރުންނަށްދޭ ނޯޓިސްގެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށް އިސްލާހު ފޮނުއްވައިފަ އެވެ. އަދި މިނިސްޓަރުގެ މެންޑޭޓްގައި ހިމެނޭ ކަންކަމާ ގުޅޭ ގޮތުން މެމްބަރުންނަށް ސުވާލު ކުރެވިދާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން މެންބަރަކު މިނިސްޓަރަކަށް ސުވާލެއް ފޮނުވުމުން އެކަމަށް ނޯޓިސް ފޮނުވައި އެ ވަޒީރަކަށް 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. ގާނޫނުގައި ބުނާ ގޮތުން މެންބަރުންނަށް އިތުރު ސުވާލެއް ކުރެވޭނީ ނޯޓިސް ދީގެން މިނިސްޓަރާ ކުރި ސުވާލުން ނުވަތަ އެ ސުވާލަށް އެ މިނިސްޓަރު ދެއްވި ޖަވާބުން އުފެދޭ ސުވާލެއް އެކަންޏެވެ. އަދި އެއާ ނުގުޅޭ ސުވާލެއް ކުރުމަށް ރިޔާސަތުން ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅި އިރު، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ފޮނުއްވި ސުވާލާ ގުޅިގެން އިއްޔެގެ މަޖިލިސް ޖަލްސާ އަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާޒިރު ކުރި އިރު، އެ ސުވާލާ ގުޅުން ހުރި ސުވާލުތައް ފިޔަވައި އިތުރު އެއްވެސް ސުވާލެއްގެ ޖަވާބު ދިނުމަށް ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވަޒީރަށް ފުރުސަތު ދެއްވާފައެއް ނުވެ އެވެ. ނަމަވެސް މެމްބަރުން އެ ސުވާލު ކުރުމުގެ ފުރުސަތު ރިޔާސަތުން ދީފައިވެ އެވެ.

އެހެންވެ، މަޖިލިހުގެ މެޖޯރިޓީ އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ މެމްބަރުން ވަނީ އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި މީގެކުރިން ވެސް ރަސްމީ ސުވާލާ ގުޅުން ނެތް ސުވާލު ކުރުމުގެ ފުރުސަތު ރިޔާސަތުން ދީފައިވާ ކަން މެމްބަރުން ފާހަގަ ކުރެއްވި އެވެ.

އަސްލަމް ވިދާޅުވީ އެމަނިކުފާނު އަމަލު ކުރައްވަމުން ގެންދަވަނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށާއި ކަމާ ނުގުޅޭ ސުވާލު ކުރަން ބޭނުން ނަމަ ގާނޫނު އިސްލާހު ކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.