ކޮވިޑާ ގުޅިގެން "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުރެތެއަށް ދިރިއުޅުން ބަދަލުކޮށް، ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމް"ގައި ބައިވެރިވާން އެދޭ ފަތާތްތަކަށް ފުރުސަތު މިއަދު ހުޅުވައިފި އެވެ.

ޖެންޑާ މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ މިޕްރޮގްރާމުގައި ބައިވެރިވުމަށް "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުރެތެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދި ހުށަހަޅާ ފޯމް" ފުރުމަށްފަހު ހުށަޅަން ޖެހެނީ އެހީއަށް އެދޭ ފަރާތުން ވަޒަންވެރިވާން ބޭނުންވާ ރަށެއްގެ ކައުންސިލް އިދާރާއަށެވެ.

"މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތަށާއި އިޖުތިމާއީ ހާލަތަށް ކުރިމަތިވެފައިވާ ދަތިކަން ހައްލުކޮށް، އާންމު ހާލަތަށް ރުޖޫއަވުމަށް މަސައްކަތްކުރުމާއި، އިގްތިސާދީ ދަތި ހާލަތުގެ ޒަރޫރިއްޔަތުގެ ތެރެއިން ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް ހުރަސްތައް ހުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ބޮޑެތި އަދަދުތަކުން ދަރަނިވެރިވަމުންދާ އާއިލާތަކަށް، އެ ފަދަ އާއިލާތަކުގެ ހާލަތު ބަދަލުކޮށް، އަމިއްލަ ފައިމައްޗައް ތެދުވުމަށް މަގުފަހިކޮށްދިނުން ހިމެނޭ،" ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މިޕްރޮގްރާމްގެ ދަށުން ރަށަށް ބަދަލުވާ މީހުންންނަށް މާލީގޮތުން އެހީވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އެސްޓެބްލިޝްމެންޓް ސަޕޯޓް އެލަވަންސާއި، ދަތުރުފަތުރުކުރުމުގެ ހަރަދާއި، ގޯތި ނުވަތަ އިމާރާތް މަރާމާތުކުރުމަށް ދެވޭ އެހީއާއި، އަދި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރު ގަތުމަށް ދެވޭ މާލީ އެހީ ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި 500 އާއިލާއަށް މިޕްރޮގްރާމްގެ ދަށުން އެހީވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް ޖެންޑާ މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން މިހާރު ލިބެން ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.