މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު 350 އަށް އަދި ނާރާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި މުހައްމަދު ޝަހީބް ވިދާޅުވީ ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އަދަދުގެ ދެބައިކުޅަ އެއްބަޔަށް ވެސް ސިޔާސީ މުވައްޒަފުން އަދި އައްޔަން ނުކުރެއްވޭ ކަމަށެވެ.

"ރައީސް [މުހައްމަދު މުއިއްޒު] ވިދާޅުވެފައި ވަނީ ސިޔާސީ މަގާމުތައް 700ގައި ހިފަހައްޓަވާނެ ކަމަށް. އަޅުގަނޑު އެންމެ ފަހުން އިއްޔެ ބެލި އިރު އެ އަދަދު %50އަށް ވެސް ނާރާ،" ޝަހީބް ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް އައީ އަންހެނުންނަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެ ވައުދުވެގެންނެވެ. ނަމަވެސް ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވާއިރު އަންހެން ބޭފުޅުން ނުފެންނާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ޝިހާބު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ އިސްމަގާމްތަކުގައި އަންހެން ބޭފުޅުން ތިއްބެވި ނިސްބަތް އެންމެ ގިނައީ މިސަރުކާރުގައި ކަމަށެވެ. އެއަދަދު އަދި ކުރިއަށްހުރި ދުވަސްތަކުގަ އިތުރުވާނެކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.

"މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ އިސްމަގާމްތަކަށް އައްޔަން ކުރެވިފައިވާ ބޭފުޅުންގެ އަދަދަށް ބަލާއިރު މިހާތަނަށް އައްޔަން ކުރެވިފައިވާ އަންހެން ބޭފުޅުންގެ އަދަދަކީ މިހާތަނަށް ދިވެހިރާއްޖޭގެ ތާރީހުގައި ސަރުކާރުގެ ކުންފުނި ތަކުގެ އިސްމަގާމްތަކުގެ ނުވަތަ އެންމެ އިސްމަގާމްގަ އެންމެ ގިނަ އަދަދަކަށް އަންހެން ބޭފުޅުން ތިއްބެވި އަދަދު. އަދި ކުރިއަށްހުރި ދުވަސްތަކުގަ އިތުރަށްވެސް އިތުރު ކުރެވިގެންދާނެކަމަށް އުންމީދު ކުރެވޭ." ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ އިއްޔެގެ ނިޔަލަށް މިހާތަމަށް އެމްޑީން ނުހިމަނާ ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރު ނުވަތަ އެއަށްވުރެ މަތީ މަގާމްތަކަށް ބަލާއިރު 22 އިންސައްތައަކީ އަންހެން ބޭފުޅުން ކަމުގަ އެވެ. މިއީ އެވްރެޖްކޮށް ނިމިދިޔަ ސަރުކާރުގައިވެސް ހުރި އަދަދުތައްކަން ފާހަގަކުރައްވަމުން ފިރުޒުލް ވަނީ އަންހެން ބޭފުޅުންގެ އަދަދު މަދުނޫންކަމަށް ވިދާޅުވެފަ އެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވިދާޅުވީ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުށަހެޅި އެންމެ ފަހުގެ ބަޖެޓުގައިވާ ގޮތުން، އެ ސަރުކާރުގައި 1،063 ސިޔާސީ މުވައްޒަފުން ތިއްބެވެ. އޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިބީ 808 ސިޔާސީ މުވައްޒަފުންނެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ވަނީ ކެބިނެޓުގެ ބޭފުޅުންނާ އެކު 170 އަށް ވުރެ ގިނަ ސިޔާސީ ބޭފުޅުން އައްޔަން ކުރައްވައިފަ އެވެ.