ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ކުރީގެ ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. ޝާހު މާހިރު އައްޔަން ކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވީ އިއްޔެ އެވެ.

ޑރ. ޝާހު ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. ޑރ. ޝާހު ވަނީ އެމަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އެމްޑީޕީ ބައިބައިވެގެން އުފެދުނު ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

ޝާހު އިސްތިއުފާ ދެއްވަމުން ވިދާޅުވީ ސަރުކާރުގެ ތެރެއިން، ރާއްޖޭގެ ސިއްހީ ދާއިރާ ވަރުގަދަ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ދާއިރާ ވަރުގަދަ ކުރުމަށް ކުރެވިދާނެ އިތުރު ކަންކަން ފާހަގަކޮށް، އެ ކަންކަމަށް ހުރި ގޮންޖެހުންތައް އެކި ފަހަރު މަތިން ހިއްސާކުރުމުން ވެސް ހައްލުވެފައިނުވާ ކަމަށެވެ.

ކޮވިޑް-19 ގެ ހާލަތުގައި ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުގެނެވި އެ ހިޔާނާތުގެ މައްސަލައިގައި ރައީސް އޮފީހުން ސަސްޕެންޑްކުރި މީހުންގެ ތެރޭގައި ޑރ. ޝާހު ހިމެނެ އެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމީ އޭނާގެ މައްސަލައެއް ނެތް ކަމަށެވެ.

ކަށީގެ ހާއްސަ ޑޮކްޓަރު ޝާހް މަތީ ތައުލީމް ހާސިލްކުރެއްވީ ދުނިޔޭގެ އެންމެ ވަރުގަދަ ޔުނިވަސިޓީ ކަމަށްވާ އިނގިރޭސިވިލާތުގެ ލަންޑަންގެ އިންޕީރިއަލް ކޮލެޖް އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް މެޑިސިން އިންނެވެ.

އޭނާ އެމްބީބީއެސް 2002 ވަނަ އަހަރު ހެއްދެވީ ވެސް އެ ޔުނިވާސިޓީންނެވެ.

ޑރ. ޝާހު އަކީ އިންގްލެންޑްގެ ޖެނަރަލް މެޑިކަލް ކައުންސިލްގެ ލައިސެންސް ވެސް އޮންނަ ބޭފުޅެކެވެ. އަދި އޭނާއަކީ ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން އާއި މެޑިކަލް ޑިފެންސް ޔޫނިއަންގެ މެންބަރެކެވެ. ޑރ. ޝާހުގެ ބައެއް ލިޔުންތައް ވެސް މެޑިކަލް ޖާނަލްތަކުގައި ޝާއިއުކުރައްވާފައިވެ އެވެ.

ޝާހު ވަނީ 2019 ވަނަ އަހަރު ރާއްޖެ ވަޑައިގަތުމުގެ ކުރިން ލަންޑަންގެ އެކި ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.