އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރަން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ޑިސެމްބަރު 25 ގެ ހަވީރު 4:00 އާ ހަމައަށް ޕްރައިމަރީގައި ވާދަ ކުރަން ޝައުގުވެރިވާ މީހުން ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ޕްރައިމަރީއެއް ބާއްވަން ޖެހޭ ދާއިރާތަކުގެ ޕްރައިމަރީ އަންނަ މަހުގެ 26 އަދި 27 ގައި ބާއްވަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އެމްޑީޕީގެ މެމްބަރެއް ކަމުގައިވުމާއި ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ އަށް ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާއިރު ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފު ކުރަން ޖެހޭނެއެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ޓަކައި ފުރަން ޖެހޭ ފޯމް އެމްޑީޕީގެ ވެބްސައިޓުން ލިބެން ހުރި އިރު އެ ފޯމާ އެކީ ކުށުގެ ރެކޯޑް ސާފުކުރާ ފޯމު ލިބޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.