ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށުމަށްޓަކައި "ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން" ތައާރަފްކުރުމަށް ނިންމައިފި އެވެ.
މިގޮތަށް ސަރުކާރުން ނިންމާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިކަމާމެދުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކަކީ އަދިވެސް ސީދާ ރާއްޖެއަށް ދަތުރުތައް އޮންނަ ގައުމުތަކެއް ނޫނެވެ. އެގޮތުން، 48 އިންސައްތަ ފަސިންޖަރުންނަކީ "ކަނެކްޓިން" ފްލައިޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންނެވެ. އަދި ޔޫރަޕްގެ ގިނަ ފަތުރުވެރިންނަކީ މެދު އިރުމަތިން ފްލައިޓް ކަނެކްޓް ކުރުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންކަން ފާހަގަ ކުރެވެއެވެ.
ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންނަށް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު، ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް އެކި މަންޒިލްތަކަށް މޯލްޑިވިއަނުން ދަތުރުތައް ފެށުމަށްޓަކައި ވައިޑް ބޮޑީ ދެ އެއާކްރާފްޓް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
"މި މަޝްރޫޢު ފެށުމަށްޓަކައި، އިންވެސްޓުކުރަންޖެހޭ ފައިސާގެ އަދަދު މިނިސްޓްރީ އޮފް ފިނޭންސަށް ލިބިފައިވާ ފައިނޭންސިން ފެސިލިޓީތަކުގެތެރެއިން، އައިލެންޑް އޭވިއޭޝަނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވަނީ ނިންމަވާފައި،" ޝަހީބު ވިދާޅުވި އެވެ.
އޭގެ އިތުރަށް ވައިޑް ބޮޑީ ދެ އެއާކްރާފްޓު އައިލެންޑް ސާވިސަސްއަށް ހޯދުމަށް ނިންމަވާފައިވެ އެވެ. އަދި އެ އޮޕަރޭޝަނުގެ އަގުހެޔޮ ކުރުމަށްޓަކައި ބައެއް ކަންކަން ތަންފީޒުކުރުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ. އެގޮތުން ތެލާއި ހޭންޑްލިންއާއި ޕާކިންގެ ހަރަދުތައް ކުޑަކުރެވޭނެ އިންތިޒާމުތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ ވާހަކަދައްކައިގެން ހަމަޖެއްސުމަށްވަނީ ނިންމާފަ އެވެ.
އަދި އާ މަންޒިލުތަކަށް ދަތުރުކުރަން ފެށުމުގައި ބޭރުގެ ގައުމުތަކުން ބޭނުންވާ އެހީތެރިކަން އެ ގައުމުތަކާ މަޝްވަރާކޮށްގެން ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ މަޝްވަރާކޮށްގެން ކުރިއަށްގެންދެވުމަށް ނިންމަވާފައިވެ އެވެ.
މި މަޝްރޫއުގެ މަސައްކަތް ފެށުމުން ޗައިނާ، ޔޫރަޕް، އަދި ސައުތު އެފްރިކާގެ ބައެއް ސަރަހައްދުތަކަށް "މޯލްޑިވިއަން" އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. މި މަޝްރޫއުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނެ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ވަނީ ހަމަޖެއްސަވާފަ އެވެ. އަދި، މި މަޝްރޫއު ފެށުމާއެކު މަދުވެގެން ހަފުތާއަކު ދެ ނުވަތަ ތިން ދަތުރު ސީދާ އެ ސަރަހައްދަކާއި ރާއްޖެއާ ދެމެދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ގައުމީ އެއާލައިނަށް "ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން" ތައާރަފްކުރުމުގެ މަސައްކަތަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ވެސް ހިމަނުއްވާފައިވާ މުހިންމު ކަމެކެވެ.