ބަންގްލަދޭޝްގެ މަސައްކަތު މީހުން ރާއްޖެއަށް ގެނައުމުގެ ހުއްދަ އަލުން ދިވެހި ސަރުކާރުން ދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ކުރި އިއުލާނެއްގައި ބުނީ ބަންގްލަދޭޝްގެ ލޭބަރުން ރާއްޖެއަށް ގެނައުމުގެ ހުއްދަ ދޭން ފެށުމާ އެކު އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލަފައިވާ ކަމަށެވެ.
ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަމައެކަނި ބަންގްލަދޭޝް މަސައްކަތްތެރިން ގެންނަން ސަރުކާރުން ނިންމީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އެ ހުއްދަ ދިނުމުގެ ކުރިން ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"ދެހާސް ނަވާރައިގެ ކުރިން ބަންގަލަދޭޝްގެ ވަގުފާރި ވިޔަފާރި އަކީ އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ މުޑުދާރު ވިޔަފާރިއެއް ބަޔަކު ކުރަމުންދިޔަ. ފަސް އަހަރު ހުއްޓުވާފަ އޮވެ އަލުން ގާނޫނާ ހިލާފަށް މިކަން ހުޅުވާލުމަކީ ގައުމީ ސަލާމަތަށް އަދި ދިވެހި އިގްތިސޯދާއި އިޖުތިމާއީ ފޭރާމަށް ހުރި ނުރައްކަލެއް،" ފައްޔާޒް ވިދާޅުވި އެވެ.
"ކޯޓާ ދޫކުރުން އަދި އިމިގްރޭޝަން ހޯމް މިނިސްޓްރީ ދަށުގައި އޮވެ، ކޯޓާ ފްރޯޑް ތުހުމަތުގަ ޕޮލިސްގަ ކޭސް ފައިލް ކުރެވިފައިވާ ފަރާތަކާ ކޯޓާ ކަންކަން ހަވާލުކޮށް ގާނޫނުގައި ކަނޑައެޅިފަވާ އަދަދު ހަމަވެފަވާ ގައުމަކުން ގާނޫނާ ހިލާފަށް ހަމައެކަނި މީހުން އެތެރެކުރަން ނިންމީމަ ވަރަށް ސުވާލު އުފަދޭ"
ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ފެށި ޕްރޮގްރާމާ އެކުގަ އެވެ.
ބަންގްލަދޭޝް ލޭބަރުން ގެނައުން މަނާކުރުމާއެކު އިންޑިއާ، ސްރީލަންކާ އަދި ނޭޕާލުން ލޭބަރުން ގެނައުން ވަރަށް ބޮޑަށް އިތުރުވި އެވެ. އެދުވަސް ވަރު އެންމެ ގިނައިން ރާއްޖެ އައިސްފައި ވަނީ އިންޑިއާ މީހުންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށަން އިމިގްރޭޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފަށައި ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖެއިން ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.
އިންޑިޔާ ލޭބަރުންގެ އުނދަގަު މާބޮވެއްޖެ ބަނގްލަދޭޝް މީހުންނާ އަޅާބަލާއިރު. ފިލަނީ މާގިނައިން . މުޅި ދުނިޔޭގައި އިންޑިޔާލޭބަރުން ފިލާ ނިސްބަތް އިތުރު. ރަނގަޅުބައެއްނޫން އިންޑިޔާ ލޭބަރުން.
އެންމެ އަވަހަށް ރުފިޔާ ކޮޅެއް ހަދާލެވޭނެ ގޮތަކީ މިއީ ކަން ތަޖްރިބާއިން ސަާބިތުވެއެވެ.