އާ ސަރުކާރުން މިނިސްޓްރީތަކުގެ މެންޑޭޓު މަޖިލީހުން ފާސްކޮށްފައިނުވާތީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަލުން ކޮމެޓީއަށް ފޮނުވާލައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ 22 މިނިސްޓަރުންނަށް ރުހުން ދިނުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ.

މިއަދުގެ ޖަލްސާ ފެށުމާ އެކު ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ނިޒާމީ ނުކުތާއެއްގެ ގޮތުގައި ފާހަގަކުރެއްވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ރިޕޯޓް ކޮމިޓީން ފާސްކޮށްފައި އޮތީ ގަވައިދާ އެއްގޮތަށް ނޫން ކަމަށެވެ. އަދި އަލަށް އުފެއްދި ވުޒާރާތަކުގެ މެންޑޭޓު ފާސްކޮށްފައިނުވާކަން ހިސާން ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުން އުފައްދަން ބޭނުންވާ ވުޒާރާތަކުގެ ދާއިރާތަކުގައި ހިމެނޭ މަސައްކަތް އެއީ ރައީސުލްޖުމްހޫރިއްޔާ މި މަޖިލީހަށް ހުށަހަޅަން ޖެހޭނެ މަސައްކަތްތަކެއް. އަދި، މި ސަރުކާރުން މިހާރަނަށް މި މިނިސްޓްރީތައް ގާއިމުކޮށް 30 ދުވަސްވެފައިވާއިރު މަޖިލީހަށް މިނިސްޓްރީތަކުގެ މެންޑޭޓު ފާސްކުރަން ފޮނުވާފައިނުވާތީ މެންޑޭޓު ދިރާސާނުކޮށް މިނިސްޓަރުންނަށް ރުހުންދެނީ އެ ބޭބޭފުޅުން ކޮން މަސްއޫލިއްޔަތެއް އަދާކުރުމުގެ ގާބިލުކަން ހުރެގެން ނުވަތަ ނެތިގެންކަން ރިޕޯޓުން ސާފުނުވާކަން،" ހިސާން ވިދާޅުވި އެވެ.

އެ ކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރައްވަން ޖަލްސާ މެދުކަނޑާލެއްވި އެވެ.

ޖަލްސާ އަލުން ފައްޓަވައި، އަސްލަމް ވިދާޅުވީ އެ މަޝްވަރާތަކަށްފަހު ނިންމަވާފައިވަނީ ކޮމިޓީ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ކަމަށެވެ.

ރިޔާސަތު އެގޮތަށް ނިންމެވުމުން މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ ކޮމިޓީގެ ރިޕޯޓެއް އަނބުރާ ފޮނުވާލެވޭނީ ތަޅުމުން ފާސްކޮށްގެން ކަމަށެވެ. އަދި ރިޔާސަތުން އަމަލުކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޒާމީ ނުކުތާއެއް ނަންގަވައި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ މިނިސްޓްރީތަކުގެ މެންޑޭޓު ފާސްކުރަން ސަރުކާރުން މި މަހުގެ 15 ވަނަ ދުވަހު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓްރީތަކުގެ މެންޑޭޓު މަޖިލީހަށް ފޮނުވަން ވަކި ތާރީހެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައިނުވާތީ، އެކަމާ ހަވާލާދީ ވަޒީރުންނަށް ރުހުން ނުދީ، ކޮމިޓީ ރިޕޯޓު އަނބުރާ ފޮނުވާލަން ރިޔާސަތުން ނިންމީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އާމިރު ވެސް ވިދާޅުވި އެވެ.

އެ ދެ މެމްބަރުން ނެންގެވި ނިޒާމީ ނުކުތާ ވެސް ބަލައިނުގަންނަވައި، ރިޔާސަތުން އަސްލަމް ވިދާޅުވީ ރިޕޯޓު އަނބުރާ ފޮނުވާލީ ހިސާން ފާހަގަކުރެއްވި ފަދައިން ކޮމިޓީ ރިޕޯޓު ފުރިހަމަ ނުވާތީ ކަމަށެވެ.

އޭގެފަހުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ މި ހިނގާ ދައުރު މިއަދަށް ހަމަވާ އިރު، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލަންޖެހިފައިވާތީ، އެ މަސައްކަތް ނިންމުމަށްޓަކައި މަޖިލީހުގެ ދައުރު އަނެއްކާވެސް އިތުރުކުރަން މިއަދު ވޯޓަށް އައްސަވާނެ ކަމަށެވެ.