ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް އެނގޭ ގޮތަށް އެންމެފަހުން އާންމުކުރި ރިޕޯޓްތައް އިކޮނޮމިކް މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޑިލީޓްކުރުމަށް އަންގާފައިނުވާނެ ކަމަށާއި އެމައްސަލަ ތަހުގީގު ކުރުމަށް މިހާރު އަންގާފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުން އަލުން ފަށަން ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިއްޔެ ނިންމި ފަހުން، ބިދޭސީ މަސައްކަތްތެރިންގެ އަދަދު ފެންނަން ހުރި އެންމެ ފަހުގެ ރިޕޯޓުތައް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ވެސް ވަނީ ފޮހެލާފަ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ)ގައި ވާގޮތުން ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއް ގައުމަކުން އެންމެ ގިނަވެގެން ރާއްޖެއަށް ގެނެވޭނީ 100،000 މީހުންނެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު 130،000 އަށްވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން އެބައުޅެ އެވެ. އެހެންކަމުން އިތުރު މަސައްކަތްތެރިން ގެންނަން ހުއްދަދޭން އިއްޔެ ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް އިދިކޮޅު އެމްޑީޕީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިދޭސީންގެ އަދަދުތައް އެނގޭ ރިޕޯޓް ރިޕޯޓެއް ޑިލީޓް ކުރަން އަންގަވާފައި ނުވާނެ ކަމަށެވެ. އަދި އެމައްސަލަ މިހާރު ބަލަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އިކްނޮމިކް މިނިސްޓްރީގެ ރަސްމީ އެއްވެސް ޓުވީޓެއް އަޅުގަނޑު އަންގައިގެން ޑިލީޓްކޮށްފައެއް ނުވާނެ. އެކަންކުރި ސަބަބު ތަހުގީގު ކުރަން މިހާރުވާނީ އަންގާފައި،" ސައީދު ވިދާޅުވި އެވެ.
މިމައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ 2019 ވަނަ އަހަރެވެ. އެއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވައިލެއްވި ޓާސްކުފޯހުގެ ނިންމުމެކެވެ. އެއާއެކު ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ވެސް ސަރުކާރުން ކުރިއަށްގެންދިޔަ އެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ފަސް އަހަރުގެ ވެރިކަން ނިމުނުއިރުވެސް މިކަމަށް އެދެވޭ ހައްލެއް ގެނެވިފައިނުވެ އެވެ.