އިސްރާއީލްގެ ރައްޔިތުން ރާއްޖެ ދަތުރު ނުކުރުމަށާއި ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔިތުން ރާއްޖެ އިން ފޭބުމަށް އިސްރާއީލްގެ ފޮރިން މިނިސްޓްރީން މިއަދު އަންގައިފި އެވެ.
އިސްރާއީލްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި އިސްރާއީލްއާ ދެކޮޅު ހިޔާލުތަކާއި ހަރަކާތްތައް އިތުރުވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އޮފިޝަލުން ވެސް އިސްރާއީލާ ދެކޮޅަށް ހިޔާލު ފާޅުކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ، މިވަގުތު އިސްރާއީލަށް ދަތުރު ނުކުރުމަށް އެ ބަޔާނުގައި އެދިފައިވެ އެވެ. އަދި ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔިތުން ވެސް ރާއްޖެ ދޫކޮށް ދިއުމަށް އެ ބަޔާނުގައި ވަނީ އަންގައިފަ އެވެ.
ރާއްޖެ އާއި އިސްރާއީލްއާ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައި ނެތް އިރު، ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން އިސްރާއީލްގެ ސަރުކާރަށް އުނދަގޫ ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އިސްރާއީލާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައި ނެތަސް، އިސްރާއީލްގެ ރައްޔިތުން ރާއްޖެ އަށް ޒިޔާރަތް ކުރުމަކަށް ހުރަހެއް ނޯވެ އެވެ.
އެހެންވެ، އިސްރާއީލްގެ ޕާސްޕޯޓު ރާއްޖެ އިން މަނާ ކުރުމަށާއި އިސްރާއީލްގެ ރައްޔިތުން ރާއްޖެ އަށް އެތެރެ ނުވެވޭ ގޮތް ހަދަން ގޮވާލައި ރާއްޖޭގައި މީގެކުރިން މުޒާހަރާކޮށްފައިވެ އެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަމަލުތަކާ ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މީގެކުރިން ވަނީ އެކިއެކި ހަރަކާތްތައް ހިންގައިފަ އެވެ. ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ ފަލަސްތީނުގެ މީހުންގެ ދިފާއުގައި އަޑު އުފުލައި، ބައިނަލްއަގްވާމީ މައިދާނުގައި ވެސް އެ މީހުންގެ ހައްގުތައް ހޯދައިދޭން ގޮވާލަމުންނެވެ.