ދައުލަތުގެ އެންމެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނަމަވެސް ބޮޑު މުސާރަ ބޭނުންފުޅުނޫން ކަމަށާއި އެ ފައިސާ ހަދިޔާކުރައްވާނީ ކުޑަކުދިންގެ ހިޔާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެހެން ވިދާޅުވި ނަމަވެސް ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާހެއް ނުކުރެ އެވެ. އެއަށް އަމަލުކުރަން ޖެހޭނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް، ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން އެދިފައިނުވާނެ ކަމަށާއި މުސާރަ ބޮޑުކުރަން ބޭނުންފުޅުނުވާ ކަމަށެވެ.

"އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރި އެރުން ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑްއަކަށް ހަދިޔާކުރަން އަޅުގަނޑުމެން ނިންމައިފިން،" މުއިއްޒު ވިދާޅުވި އެވެ.

ދައުލަތުގެ އެންމެ އިސްވެރިން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަތައްވެސް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ރައީސް އޮފީހުންވެސް ވަނީ ދައުލަތުގެ އެންމެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ކޮމިޓީން ނިންމީ މަޝްވަރާނުކޮށް ކަމަށް ބުނެފަ އެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ކޮމިޓީން ނިންމީ ރައީސްގެ އެދިވަޑައިގަތުމަކާ ގުޅިގެން ނޫން ކަމަށާއި އެއީ ރައީސް ތާއީދުކުރައްވާ ނިންމުމެއް ނޫން ކަމަށެވެ.