ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއް ކަމަށްވާ "ފުރަތަމަ" ނޫސް ވެސް ބްލޮކްކޮށްފި އެވެ.

ދިވެހި ސަރުކާރުން އަންގައިގެން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްވިސް (ކޭމް)އިން ބައެއް ސައިޓުތައް ބްލޮކްކުރަން ފެށީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. އެންމެ ފުރަތަމަ ކޭމް އިން ބްލޮކްކޮށްފައި ވަނީ ބަރަހަނާ ސައިޓްތަކެވެ.

އޭގެ ފަހުގައި، ސަރުކާރާ ދެކޮޅު ހަބަރުތައް ގެނެސްދޭ ދެ ނޫހެއް ވަނީ ބްލޮކްކޮށްފަ އެވެ. ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑުކިޔައި ކޮރަޕްޝަންއާ ގުޅޭ ލިޔުންތަކެއް ޝާއިއު ކުރަމުން އައި ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްއަށް ރެއިން ފެށިގެން ނުވަދެވޭ ގޮތް ހެދި އެވެ.

ސަރުކާރާ ދެކޮޅު ލިޔުންތައް ލިޔާ ދެ ވެބްސައިޓެއް ރެއިން ފެށިގެން ބްލޮކްކޮށްފައިވާތީ އެކަމާ އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރުމުންނެވެ.

ރެއިން ފެށިގެން ބްލޮކް ކުރި ތިން ވަނަ ވެބްސައިޓަކީ ފުރަތަމަ.ކޮމް އެވެ. އެ ސައިޓުގެ ގިނަ ހަބަރުތަކަކީ ވެސް ސަރުކާރާ ދެކޮޅަށް ހަބަރު ގެނެސްދޭ ވެބްސައިޓެކެވެ. އަދި އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއް ނޫހެވެ.

އެ ނޫހުގެ މަސްއޫލުވެރިއެއްގެ ގޮތުގައި ހުންނެވީ އަހުމަދު އާތިފެވެ.

"ފުރަތަމަ" އަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައި މި ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށް ފަހު އެވެ.