އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަށް ވާދަކުރުމަށް ދިން މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 16 ގައެވެ. އަދި ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު އޮތީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ. އެކަމަކު، އެ ޕާޓީން މިހާރު ވަނީ ޕްރައިމަރީ އަށް ވާދަކުރުމުގެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އިތުރުކޮށްފަ އެވެ.

ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރި ސަބަބެއް އެމްޑީޕީން ނުބުނެ އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރަން ހުށަހަޅާއިރު ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފުކުރަން ޖެހޭނެ އެވެ. އެމްޑީޕީން ބުނި ގޮތުގައި ޕްރައިމަރީގައި ވާދަކުރެވޭނީ އަދި ވޯޓު ލެވޭނީ ޕްރައިމަރީއަށް އިއުލާނުކުރި ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންނަށް ވެފައި ތިބި މީހުންނަށެވެ. އެކަމަކު ޕްރައިމަރީގައި ވާދަކުރާ މީހުންނަކީ މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ދެކޮޅަށް ކެމްޕެއިން ކުރި ބައެއް ނަމަ އެކަން ބަލާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ފުރަން ޖެހޭ ފޯމާއި އެ ފޯމާ އެކީ ކުށުގެ ރެކޯޑް ސާފުކުރާ ފޯމު އެމްޑީޕީގެ ވެބްސައިޓުން ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.