ރާއްޖެއިން ކޮވިޑް ޖެހިގެން 54 ވަނަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަަންގިފިލާގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ 84 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 8:20 ހާއިރު މަރުވެފައިވާ ކަމަށެވެ.

އިއްޔެ ވެސް ކޮވިޑް ޖެހިގެން 70 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވަފަ އެވެ. މިދިޔަ އާދީއްތަ ދުވަހު ވެސް ކޮވިޑް ޖެހިގެން އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން މިމަހުގެ 24 ވަނަ ދުވަހު ވެސް ކޮވިޑް ޖެހިގެން 86 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ.

މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 54 އަށް އަރާފައިވާއިރު، އެއީ 47 ދިވެހީންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގެ އާ ވޭރިއެންޓް ރާއްޖެއިން ފެނުމާއެކު ކޮވިޑް ފެތުރުން ހަލުވިވެ ކޭސްތަކުގެ އަދަދު މިވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ.

މިގޮތުން އިއްޔެ ރާއްޖޭގައި 102 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 1،879 އަކަށް އަރާފަ އެވެ. އަދި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 16،276 އަށް އަރާފަ އެވެ.

ކޮވިޑްގެ ކޭސައް މައްޗަށް ދިޔުމުގެ ސަބަބުން އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.