ލަންޑަން (04 ފެބްރުއަރީ) - ދުނިޔޭގައި ކޮރޯނާ ވައިރަސްގެ 4،000 އެއްހާ ވައްތަރު ފެނިފައިވާ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ވެކްސިން ފޯރުކޮށްދިނުމުގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މިނިސްޓަރު ނަދީމް ޒަހާވީ ވިދާޅުވީ މިހާތަނަށް މުޅި ދުނިޔެއިން 4،000 އެއްހާ ވައްތަރުގެ ކޮވިޑް ވޭރިއަންޓް ފެނިފައިވާ ކަމަށެވެ. ނަމަވެސް މިހުރިހާ ވައްތަރުތަކަކީ އެހާ ނުރައްކާތެރި ވައްތަރުތަކެއް ނޫން ކަމަށާއި މީގެ ތެރެއިން ހަމައެކަނި އިނގިރޭސިވިލާތުން ފެނުނު ވައްތަރާއި، ބްރެޒިލް އަދި ސައުތު އެފްރިކާއިން ފެނުނު ވައްތަރަކީ އެހެން ވައްތަރުތަކާއި ހިލާފަށް ފެތުރޭލެއް އަވަސް ކަމަށް ފާހަގަވެފައިވާ ވައްތަރުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުންފުނިތަކުން އުފައްދާފައިވާ ވެކްސިން ކޮވިޑާ ދެކޮޅަށް މަސައްކަތް ނުކުރާނެ ކަމަށް ނުބެލެވެ އެވެ. އޭގެ ބަދަލުގައި ދުނިޔޭގައި މިހާރު ބޭނުންކުރާ ގިނަ ވެކްސިނަކީ އޭގެ ނަތީޖާ ރަނގަޅު ވެކްސިން ކަމަށް ނަދީމް ވިދާޅުވި އެވެ. އަދި ކުންފުނިތަކުން ދަނީ ވައިރަސް ބަދަލުވެގެންދާނެ ހުރިހާ މަރުހަލާއަކަށް ވެސް ތައްޔާރުވަމުން ކަމަށާއި، އިތުރު ތަހުލީލުތަކާއި، ރިސާޗްތައް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން ވަނީ ތަފާތު ދެ ކުންފުންޏަކުން އުފައްދާފައިވާ ކޮވިޑް ވެކްސިން އެކަކަށް ދީގެން ޓެސްޓްތަކެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެފަ އެވެ. މީގެ މަގްސަދަކީ ދެވައްތަރެއްގެ ވެކްސިން ބޭނުންކޮށްގެން ކޮރޯނާ ވައިރަސްއާ ދެކޮޅަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރޭތޯ ބެލުމެވެ.
ކޮވިޑް-19 ރޯގާ ޖެހިގެން މުޅި ދުނިޔެއިން ވަނީ 2.268 މިލިއަން މީހުން މަރުވެފައިވާ ކަމަށް ޖޯން ހޮޕްކިން ޔުނިވާސިޓީ އޮފް މެޑިސިން އިން ހާމަކުރެ އެވެ. – އަރަބް ނިއުސް