ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ވެރިކަން ލިބުމުން މިނިވަން ކުރާނެ ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ދޮގު ހަދައިފި އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބު ވިދާޅުވީ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް ކުރެވިފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެއީ ސަރުކާރުން ޝަރީއަތް ތެރެއަށް އަތްބާނައިގެން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފިނަމަ ފުރަތަމަ ދުވަހު އެންމެ ކުޑަވެގެން ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ޝަހީބު ވިދާޅުވި އެވެ.
ހުވާކުރައްވާ ދުވަހު އެކަންކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިކަން ފާހަގަކުރައްވާ ޝަހީބު ވިދާޅުވީ ރައީސް ކަމަށް މުއިއްޒު އިންތިހާބު ވެވަޑައިގެންނެވި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައި ކަމަށާއި ޖެހިގެން އައި ދުވަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވާފައި ވަނީ ކުރީގެ ސަރުކާރުގެ ހެޔޮ ކަމުން ކަމަށް ބައެއް މީހުންނަށް ހީވެދާނެ ކަމަށާއި ކުރީ ސަރުކާރުގެ ހެޔޮ ކަމުން އެކަން އޭގެ ކުރިންވެސް ކޮށްދޭނެ ކަމަށް ޝަހީބު ވިދާޅުވި އެވެ.
ޝަހީބު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވާފައި ވަނީ ރައީސް މުއިއްޒު އިލްތިމާސް ކުރެވުމާ ގުޅިގެން ކަމަށާއި އެހެންކަމުން ރައީސް ކަމަށް ހުވާކުރެއްވުމުގެ ކުރިން ރައީސް ޔަމީން ހުންނެވީ ގޭގައި ކަމަށެވެ. އަދި ހުވާކުރެއްވި ދުވަހު ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ޖުޑިޝަރީއަށް އަތްބޭނުން މި ވަގުތުން ވަގުތަށް ނިމުނީ ކަމަށާއި އޭރުން ފެށިގެން ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުން ވަނީ ނިމިފައި ކަމަށް ޝަހީބު ވިދާޅުވި އެވެ.
"ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު 17 ނޮވެމްބަރު، އެ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވރަށް ސާފު އިބާރާތުން ވިދާޅުވީ ސަރުކާރުން ޖުޑީޝަރީއަށް އަތް ބޭނުން މިވަގުތުން މިވަގުތަށް ނިމުނިއްޔޭ، ސަރުކާރުން ޖުޑީޝަރީ ތެރެއަށް އަތެއް ނުބާނަމޭ. ކޯޓުތަކުގެ ތެރެއަށް އަތެއް ނުބާނާނަމޭ، ކޯޓުތަކުގެ މައްސަލަތަކަށް ނުފޫޒެއް ނުފޯރުވާނަމޭ. އެހެންވީމާ އެ ދުވަހުން ފެށިގެން ސަރުކާރުގެ ފަރާތުން ކޯޓުތަކަށް އަތް ބޭނުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމުގެ މަރުހަލާ އެއޮތީ ނިމިފައި. އެހެންވީމާ ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އެއޮތީ ފުދިފައި،" ޝަހީބު ވިދާޅުވި އެވެ.
ޝަހީބު ވިދާޅުވީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ވަކި ގޮތަކަށް ކަންކުރަން ބުނެގެން އެކަންކަން ކުރާ ކަމަށް މީގެ ކުރިން އިވުނު އަޑުތައް ދެން ނީވޭނެ ކަމަށާއި ރައީސް ޔާމީން މިނިވަންވުން އޮތީ ޖުޑިޝަރީ ތެރޭގައި ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން އެކަމުގެ ތެރެއަކަށް ނުވަންނާނެ ކަމަށް ޝަހީބު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީން މިނިވަންކުރެއްވުމާ ގުޅޭގޮތުން ޑރ. މުއިއްޒު ކެމްޕެއިންގެ ތެރޭގައި ތަކުރާރުކޮށް ވައުދުވެވަޑައިގެންފައިވާއިރު ރައީސް ޔާމީން މިނިވަން ނުކުރައްވާ ގިނަ ދުވަސްވަމުންދާތީ ސަޕޯޓަރުން ދަނީ ކަންބޮޑުވަމުންނެވެ.
ރައީސް ޔާމީން މިވަގުތު ވެސް ހުންނެވީ ކުރީ ސަރުކާރުން ދެފަހަރެއްގެ މަތިން ދެއްވި ލުއިގަ އެވެ. އިތުރު ލުޔެއް ދެއްވަން ޔާމީންގެ ފަރާތުން އެދިވަޑައިގެންނެވި ނަމަވެސް އެކަމަށް ކަރެކްޝަންސްއިން ވަނީ އިންކާރުކޮށްފަ އެވެ.
ޔާމީންއާ ގުޅުވައިގެން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުދިފައިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ޕީޕީއެމް/ޕީއެންސީގެ ވެރިންނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޔާމީން ވަނީ ޕީޕީއެމުން ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފަ އެވެ.
ޕީއެންއެފްގެ ނަމުގައި އުފެއްދުމަށް މަސައްކަތް ކުރާ އެ ޕާޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ދަނީ މި ސަރުކާރުން ޔާމީންއާ މެދު ކަން ކުރަމުންދާ ގޮތަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނަމުން ދަނީ މި ސަރުކާރުން ޔާމީންއަށް ބޭވަފާތެރިވެފައިވާ ކަމަށެވެ.