އިނގިލި ބުރިކޮށްލިއަސް އަޅުގަނޑާ ދެކޮޅަށް ވޯޓު ނުދޭނެ މެމްބަރުން އަދިވެސް އެމްޑީޕީގައި އެބަތިބި ކަމަށް ޕީއެންސީގެ ރައީސް އަދި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ 13 މެމްބަރަކު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ސޮއިކުރުމަށްޓަކައި "ފެށުން" ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހީންގެ ރާއްޖެ ކުރިއަށް ދިއުމުގައި މިއަދު އާދެވުނީ މުހިންމު ހިސާބަކަށް އަދި ފެށުމަކަށް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެބޭފުޅުން އެ ހިޔާރުކުރެއްވީ ގައުމުކަމަށާއި، ކޮންމެ މީހަކަށްވުރެ ގައުމު ބޮޑުކަމަށެވެ. އަމިއްލަ މަސްލަހަތަށްވުރެ ގައުމު ބޮޑުކަމަށާއި، ގައުމަށްޓަކައި ކޮށްދެވެން އޮތްކަމެއް ކުރުމަށް އެ މެންބަރުން ހިޔާރުކުރެއްވީ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ނިންމެވުމާއެކު އަދިވެސް މަޖިލިސް މެންބަރުން މި ގައުމީ ސަފަށް ގުޅޭކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.
ފާޅުގައި ބައެއް މެންބަރުން ގުޅިވަޑައި ނުގެންނެވިނަމަވެސް، ގުޅެން ބޭނުންވާ ގިނަ މެންބަރުން އަދިވެސް އެބަތިއްބެވިކަމަށް ރައީސް ވިދާޅުވި އެވެ. އިނގިލި ބުރިކޮށްލިއަސް ރައީސާ ދެކޮޅަށް ވޯޓު ނުދެއްވާނެ ބޭފުޅުން އެބަތިއްބެވިކަމަށް ރައީސް ވިދާޅުވި އެވެ.
"އެކިއެކި ސަބަބުތަކަށްޓަކައި، މަސްލަހަތަށްޓަކައި އަޅުގަނޑުމެންނާ ފާޅުގައި ގުޅިވަޑައި ނުގަތަސް، އަޅުގަނޑަށް ޕާސަނަލީ، އަމިއްލަ ހައިސިއްޔަތުން އެނގޭ، ހަމަ އެމްޑީޕީ މަޖިލިސް މެމްބަރުން އެބަތިއްބެވި އެމްޑީޕީ ޕީޖީ ގްރޫޕުގައި މަޑު ކުރައްވައިގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް އެ އިޝާރާތްކުރެއްވީ ރައީސާއި ނައިބު ރައީސް އަޒަލުކުރެވޭގޮތަށް އެމްޑީޕީން ގެނައި އިސްލާހަށެވެ.
ޕީއެންސީއާ މިރޭ ގުޅިވަޑައިގެންނެވި 13 މެންބަރުންނާ އެކު ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަދަދު 15 އަށް އިތުރުވެ އެ ޕާޓީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ބަދަލުވާނެ އެވެ. އަދި މަޖިލީހުގައި ހިމެނޭ ޕީޕީއެމްގެ ދެ މެންބަރުންނާ އެކު ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެންބަރުންގެ އަދަދު 17 މެންބަރުންނަށް އިތުރުވާނެ އެވެ.
މަޖިލީހުގައި މިހާރު ހިމެނޭ އެމްޑީޕީގެ މެންބަރުންގެ އަދަދު މިރެއަށް ފަހު 43 މެންބަރުންނަށް މަދުވެގެން ދިޔައިރު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން މަޖިލީހުގައި އެބައިތިއްބެވި އެވެ.