ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ ހިފެހެއްޓޭނެ ކަމަށާއި އިތުރު މެމްބަރަކު ދެން ޕާޓީން ވަކިވެގެން ނުދާނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) އިން މިއަދު ބުނެފި އެވެ.

މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު އޮތް އެމްޑީޕީގެ 13 މެމްބަރަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިވަގުތު ވެސް 43 މެމްބަރުން ތިއްބެވުމުން އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައި ކަމަށެވެ. އަދި އެ މެމްބަރުން ޕާޓީގައި ބޭތިއްބުމަށް ޕާޓީއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނޭ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"އަޅުގަނޑުމެންގެ [މަޖިލިސް މެޖޯރިޓީ] އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ހިފަހައްޓާނަން. އަޅުގަނޑުމެންނަކަށް ނުފެނޭ ދެން އިތުރު މެމްބަރަކު ވަކިވެގެންދާ ތަނެއް،" ނިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖްލިސް

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން 18 މެމްބަރުންގެ އިތުރުން ވެސް، ދެން ތިއްބެވި މެމްބަރުން ވެސް ތިއްބެވީ އެމްޑީޕީއާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބައްދަލުވުމުގައި ބައެއް މެމްބަރުންނަށް ބައިވެރިނުވެވުނީ މިއީ ޗުއްޓީ ކަމަށް ވުމުން މެމްބަރުން ރާއްޖޭގައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީން ވަކިވެގެން ދިޔަ މެންބަރުންނަކީ އެ ޕާޓީއާ ވަރަށް ގާތް ގުޅުމެއް އަދިވެސް އޮތް މެންބަރުންނެވެ. އަދި އެ މެންބަރުން އަދިވެސް އެ ޕާޓީއާ އެކު ކަންކަމުގައި މަޝްވަރާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލުކުރުން ހުއްޓުވަން އެންޓި ޑިފެކްޝަން ގާނޫނު އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ވެރިކަންތައް ބަދަލުވާއިރު ރައްޔިތުންގެ މަޖިލީހުންވެސް އެކަން ފެންނަ ކަމަށާއި ޕާޓީން މަޖިލީހަށް ހޮވޭ އަދަދަށް މެންބަރުން ހިފެހެއްޓިފައިނުވާ ކަމަށެވެ.

މަޖިލީހުގެ އިދާރާގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ މަޖިލިސް މެމްބަރުން ބައިވެރިވަނީ. ފޮޓޯ: މަޖްލިސް

"އެއް ވަރަކަށް، އެއް މިންވަރަކަށް ރައްޔިތުންގެ މަޖިލީހުގައި ހޮވޭ އަދަދުތައް ހިފެހެއްޓިފައިނެތް އެއްވެސް ބަޔަކަށް،" ނިޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 13 މެންބަރަކު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައިވާއިރު ނިޔާޒު ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު އެކުލަވާލަނީ އެމްޑީޕީން މެންބަރުން ވަކިވާތީ ނޫން ކަމަށެވެ.

"މި 13 މެންބަރުން ދިޔައީމަ ނުވަތަ ޕާޓީން އެއްބަޔަކު އަނެއް ބަޔަކަށް ދާތީ ވިސްނާ ވިސްނުމެއް ނޫން. މުސްތަގުބަލުގައި މަޖިލިސް އިސްލާހުކުރުމަށްކުރާ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެންނާ ރައްޓެހި ޕާޓީތަކާއި ގުޅިގެން އެ މަޝްވަރާތައް ކުރަމުން އެބަ ގެންދަން،" ނިޔާޒު ވިދާޅުވި އެވެ.