މާދަމާއިން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ކުރިން އިއުލާން ކުރި ނަމަވެސް، ޖެނުއަރީ 1 އިން ފުލުހުންގެ މުސާރަ ބޮޑުކުރަން މިހާރު ނިންމާފައި ނުވާކަން އެނގިއްޖެ އެވެ.

"ހުރިހާ"އާ ވާހަކަދެއްކި ފުލުހުންގެ އޮފިސަރު ވިދާޅުވީ މުސާރަ މާދަމާއިން ފެށިގެން ބޮޑުވާނެ ކަމަށް ބުނެ ޕޭ ކޮމިޝަނުން ނިންމި ކަމަށް ބުނެ 21 ނޮވެމްބަރުގައި ސާކިއުލާއެއް ވެސް ނެރުނު ކަމަށެވެ. ނަމަވެސް އެ ނިންމުން މިހާރު ބަދަލުވެފައިވާ ކަން އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖެނުއަރީ އެކަކުން ފެށިގެން މުސާރަ ބޮޑުވާނެ ކަމަށް ބުނެ ރަސްމީ ސާކިއުލާއެއް ނެރުނީމަ ތިބީ ވަރަށް އުފަލުން. އެކަމަކު މިހާރު އެނގިއްޖެ އެގޮތަށް މުސާރަ ބޮޑު ނުވާނެ ކަމަށް،" އެ އޮފިސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ފުލުހުންގެ އިސް އޮފިސަރު މިއަދު ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މި ފެށޭ އަހަރު ތެރޭގައި މުސާރަ އަށް ހެޔޮބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި ނަމަވެސް މާދަމާއިން ފެށިގެން ބޮޑުވާނެ ކަމުގެ ޔަގީން ކަމެއް ނުދެއްވާ ކަމަށް ވެސް އެ އޮފިސަރު ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ރިޔާސީ ކެމްޕެއިނުގައި ވެވަޑައިގެންނެވި ވައުދެކެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

މިކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުދެއްވި ކަމަށެވެ.