ބަނޑު ފުއްޕުމާއި މޭ އެންދުމާއި ވައިގެ މައްސަލަތަކަކީ މިހާރަކަށް އައިސް ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް އިތުރު ވަމުންދާ ސިއްހީ ޝަކުވާ ތަކެކެވެ. މީގެ އިތުރުން ބަނޑުހަރުވުމަކީ ވެސް ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ވޭނެކެވެ.
ސިއްހީ މާހިރުންނާއި ޑޮކްޓަރުން ހާމަ ކުރައްވާ ގޮތުގައ، މިފަދަ މައްސަލަތައް ދިމާވަނީ ހަށިގަނޑުގެ އެތެރެހަށީގެ ބޮޑު ބައްޔެއްގެ ސަބަބަކުން ނޫނެވެ.
އޭގެ ބަދަލުގައ، މިއީ އަހަރެމެންގެ ދިރިއުޅުމުގެ އާދަކާދަ ނުވަތަ "ލައިފްސްޓައިލް" ބައްޓަން ކުރެވިފައިވާ ނުބައި ގޮތްތަކުގެ ސަބަބުން، ގޮހޮރުގެ ސިއްހަތަށް ލިބޭ ގެއްލުން ތަކެކެވެ.
1. ފައިބާ މަދު، ޕްރޮސެސްޑް ކާނާ ގިނަ ކުރުން
މިއަދުގެ ޒުވާނުންގެ މެދުގައި ފާސްޓް ފުޑްއާއި ޕެކެޓް ކޮށްފައި ހުންނަ ތައްޔާރީ ކާނާ ބޭނުން ކުރުން ވަނީ ވަރަށް އާއްމުވެފަ އެވެ. މިފަދަ ކާނާގައި ހަށިގަނޑަށް ބޭނުންވާ މައިގަނޑު މާއްދާއެއް ކަމަށްވާ ފައިބާ އެކުލެވިގެނެއް ނުވެ އެވެ. ފައިބާ މަދުވުމަކީ ބަނޑުހަރުވެ ހަޖަމުކުރުމުގެ ނިޒާމު ލަސްކޮށްލާ އެންމެ ބޮޑު ސަބަބެވެ.
2. އަވަސް އަރުވާލައިގެން ކެއުން
އޮފީސް މާހައުލުގައާއި ދިރިއުޅުމުގެ ބުރަކަމުގެ ތެރެއިން ގިނަ ޒުވާނުން ކަނީ ވަރަށް އަވަސް އަރުވާލައިގެންނެވެ. ރަނގަޅަށް ނުހަފައި ދިރުވާލުމުން ސިކުނޑިއަށް "ބަނޑު ފުރުނު ކަމުގެ" މެސެޖު ލިބުން ލަސްވެ އެވެ. އަދި ބޮޑެތި އެތިކޮޅު ކޮޅު ބަނޑަށް އެތެރެ ވުމުން ގޭސް އުފެދި، ބަނޑު ފުއްޕުމަށް މަގުފަހިވެ އެވެ.
3. ކެފެއިން އާއި ހަކުރު ގިނަ ކުރުން
ހެނދުނު ހުސްބަނޑާ ހުރެ ކޮފީ ބުއިމަކީ ގިނަ ޒުވާނުންގެ އާދަ އެކެވެ. ނަމަވެސް ހުސްބަނޑާ ހުރެ ކެފެއިން ހަށިގަނޑަށް ދިއުމުން ބަނޑުގެ އެސިޑް އުފައްދާ މިންވަރު މަތިވެ، މޭ އެންދުމާއި ގޭސްޓްރިކް މައްސަލަތައް ކުރިމަތިވެ އެވެ. މީގެ އިތުރުން ހަކުރު ގިނަ ބުއިންތަކާއި ހަކުރު އެކުލެވޭ ތަކެތި ކެއުމުން ބަނޑުގައި ހުންނަ ފައިދާހުރި ޖަރާސީމުތައް ހަލާކުވެ އެވެ.
4. ނިދި މަދުވުމާއި ނަފްސާނީ ސިއްހަތު
ސިކުނޑިއާއި ގޮހޮރުގެ ސިއްހަތު ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ރޭގަނޑު ދަން ވަންދެން ފޯނާ ކުޅެން އޮތުމުގެ ސަބަބުން ނިދި މަދުވުމާއި، ވަޒީފާގެ މާހައުލުން ލިބޭ ހާސްކަމުގެ ސަބަބުން ހަށިގަނޑުން ހަޖަމު ކުރުމުގެ ބާރު ދަށްކޮށްލަ އެވެ. މީގެ ނަތީޖާއަކީ ކާ އެއްޗެހި ރަނގަޅަށް ހަޖަމުނުވެ ބަނޑުގައި ރިއްސުމެވެ.
5. ފެން ބޯ މިންވަރު މަދުވުން
މުޅި ދުވަހު އޭސީ ކޮޓަރިއެއްގައި ނުވަތަ އޮފީހެއްގައި އިށީނދެގެން ތިބޭއިރު، ތިމާއަށް ފެންބޮވޭ މިންވަރު މަދުވާކަން ގިނަ ފަހަރަށް އިހުސާސް ނުކުރެވެ އެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމަކީ ބަނޑު ހަރުވުމަށް މެދުވެރިވާ އެންމެ ސީދާ ސަބަބެވެ.
"ބަނޑުގެ ދުޅަހެޔޮކަމަކީ މުޅި ހަށިގަނޑުގެ ބާރެވެ. ބަނޑުގެ ނިޒާމު ބަލިވެއްޖެނަމަ، ދިފާއީ ނިޒާމު ބަލިވެ، ހަންގަނޑު ހަލާކުވެ، މީހާގެ މޫޑުވެސް ގޯސްވެ އެވެ" ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.
ގޮހޮރުގެ ސިއްހަތު ރަނގަޅު ކުރަން ކުރަންވީ ކަންތައްތައް
- ފެން ގިނައިން ބުއިން: ކޮންމެ ދުވަހަކު މަދުވެގެން 2-3 ލީޓަރުގެ ފެން ބުއިން އާދައަކަށް ހަދާށެވެ.
- ތަރުކާރީ އާއި މޭވާ ގިނަ ކުރުން: ކެއުމުގައި ފައިބަރު ގިނަ ތަރުކާރީ އާއި މޭވާ ހިމަނާށެވެ.
- ކޮފީ ބުއިން މަދު ކުރުން: ހުސްބަނޑާ ހުރެ ކޮފީ ބުއިން ހުއްޓާލައި، ކެއުމަށްފަހު ބޯން އާދަ ކުރާށެވެ.
- ރަނގަޅަށް ހަފައިގެން ކެއުން: ކާ ވަގުތު ފޯނާ ދުރުވެ، ކާނާ ރަނގަޅަށް ހަފައިގެން، މަޑުމަޑުން ކާށެވެ.
ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް ގެނެވޭ މިފަދަ ކުދި ކުދި ބަދަލު ތަކުން، ގޮޮހޮރުގެ ބޮޑެތި ވޭން ތަކުން ސަލާމަތްވެ، މީހާ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ކޮށްދޭނެ އެވެ.
އެލްނީނޯއިން ކުރިމަތިވެދާނެ ގަދަ ހޫނަށް ތައްޔާރުވާން ގޮވާލައިފި
ކީމޯތެރަޕީގެ ވޭނަށް ނިމުމެއް: ކެންސަރު ނައްތާލާ އިންޖެކްޝަންއެއް!
ޖަސްޓިންއާއި ބްލޭކްގެ ކޯޅުމަށް ނިމުމެއް ނެތް، އަލުން ކޯޓަށް!