އެމްޕީއެލް ސަރަަހައްދުގައި ރޭ ދަންވަރު މަސައްކަތް ކުރަމުންދިޔަ މަޖޫރީއެއްގެ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓު ހާދިސާއާ ގުޅިގެން އެ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ މަޖޫރީން ސަސްޕެންޑުކޮށްފި އެވެ.

އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސީރިއަސް އަނިޔާތަކެއް ވެފައިވަނީ "މިނާ އިންވެސްޓްމަންޓް" ކްލިއަރެންސް ގްރޫޕުގެ މަޖޫރީއަކަށް ކަމަށެވެ.

އެކުންފުނީގެ އެކްސިޑެންޓު އެންޑް އިންވެސްޓިގޭޝަން ކޮމެޓީން އެ ހާދިސާގެ ތަހުގީގު މިއަދު ތަހުގީގު ފަށާފައިވާ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

އެމްޕީއެލް އިން ބުނީ ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަންދެން މިނާ އިންވެސްޓްމަންޓް ގްރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތްކުރި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑުކުރަން ނިންމާފައިވާ ކަމަށެވެ.

"މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" އެމްޕީއެލްގެ ބަޔާނުގައިވެ އެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ގަވާއިދުތަކާ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކާޕެޓު ރޯލުގެ ދަށުވި އުމުރުން 28 އަހަރުގެ މަޖޫރީއަަށް ބޮޑެތި އަނިޔާތަކެއްވެ، އޭނާގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.