ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ 22 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ނުނިމި ލަސްވެފައި އޮތީ ސަރުކާރުގެ ބޭފުޅުން އެކަމުގެ ތެރެއަށް ވަދެގެން، ވަކި ގޮތަކަށް އެކަން ކުރަން އުޅުއްވުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގައި އޮންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފުރަތަމަ ނިންމާފައި ވަނީ ވަކިވަކިން ރުހުން ދިނުމަށެވެ. އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ފޮނުވި ނަމަވެސް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވާލުމަށެވެ.

އަސްލަމް އެ މައްސަލަ ކޮމިޓީ އަށް ފޮނުވާލެއްވީ މިނިސްޓްރީތަކުގެ މެންޑޭޓް ފާސް ނުކުރާ ކަމަށް ބުނެ އެވެ. އެ މައްސަލަ މަޖިލިހުގެ ކޮމިޓީ އަށް ފޮނުވުމުން މިދިޔަ މަހުގެ ތެރޭގައި އެ މައްސަލަ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ސަންގު ޓީވީން ރޭ ގެނައި "ހަބަރަށް ފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދީ މިހާ ގިނަ ދުވަސް ވެގެން ދިޔުމުން އޭނާގެ ކަންބޮޑުވުން ވެސް އެކަމުގައި އެބައޮތް ކަމަށާއި އެކަން ލަސްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ފައްޔާޒު ވިދާޅުވީ ރުހުންދިނުމުގެ ތެރެއަށް ސަރުކާރުން ނިސްބަތްވާ ބޭފުޅުން ވަދެ، އެ ބޭފުޅުން ބޭނުންވާގޮތަށް ކަންކަން ގެންދިއުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"ސަރުކާރުގެ ތެރެއިން ބައެއް ބޭފުޅުން އަޅުގަނޑުމެންގެ މެމްބަރުންގެ ތެރެއަށް ވަދެގެން ވަކި ގޮތަކަށް ބައްޓަން ކުރަން ކުރި މަސައްކަތުގެ ނަތީޖާ އިން އެ އޮތީ ލަސްވެފައި." ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން ޑރ. އަލީ ހައިދަރު އަހުމަދު އަދި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފަށް ރުހުން ދިނުމާމެދު އެމްޑީޕީގެ ޕީޖީގައި ކަންބޮޑުވުން އެބައޮތް ކަމަށެވެ. ނަމަވެސް އެކަމުގެ ތެރެއަށް އެޕާޓީގެ ލީޑަރޝިޕުން ނުވަންނާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ކެބިނެޓުގައި ހިމެނޭ 22 މިނިސްޓަރުން- މިނިސްޓާ އޮފް ޑިފެންސް މުހައްމަދު ގައްސާން މައުމޫން

- މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު

- މިނިސްޓާ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގު

- އެޓާނީ ޖެނެރަލް އަހްމަދު އުޝާމް

- މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން

- މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު

- މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީއު

- މިނިސްޓާ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް

- މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު ޑރ. އަލީ ހައިދަރު

- މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

- މިނިސްޓާ އޮފް ހެލްތު ޑރ. އަބްދުالله ހަލީލް

- މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް

- މިނިސްޓާ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު

- މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން

- މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން, ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ

- މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުالله މުއްތޮލިބު

- މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. އައިޝަތު ރަމީލާ

- މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް

- މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖު, އެންވަޔަރަމަންޓު އެންޑް އެނާޖީ ތޯރިގު އިބްރާހިމް

- މިނިސްޓާ އޮފް ދިވެހި ލޭންޖުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖު އާދަމް ނަސީރު އިބްރާހިމް

- މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓު, އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު)

- މިނިސްޓާ އޮފް ސްޕޯޓްސް, ފިޓްނެސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުالله ރާފިއު

ކޮމިޓީން ވަޒީރުންނަށް ރުހުން ދޭން ފާސް ކުރި ނަމަވެސް މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ. އެކަމަކު، ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ ބާރު މަޖިލިހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވަ އެވެ. މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވެސް ވިދާޅުވެފައި ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޖިލިހުގެ ގަވައިދުގެ ދަށުން ހުށަހަޅައިފި ނަމަ، އެ ޖަލްސާ ބާއްވަވާނެ ކަމަށެވެ.