މުޅި އައްޑޫ ސިޓީއަށް އަރައި ފޭބުން މަނާކޮށްފި އެވެ.

އައްޑޫ ސޓީގެ ވަކިން އެއްފަސް ގަނޑަކަށް އޮންނަ ހުޅުމީދޫން މިދިޔަ ހަފްތާގެ ތެރޭ ކޮވިޑްގެ ކޭސްތަކެއް ފެނި އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

އައްޑޫ ސޓީގެ ހިތަދޫ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ހިތަދުއާ ގުޅިފައިވާ ހުރިހާ ރަށެއް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

އެހެންކަމުން މިހާރު މުޅި އައްޑޫ ސިޓީ މިވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ.

ހުޅުމީދުއަށް ބަލި ފެތުރުނުކަން އެނގުނީ މަސައްކަތެއް ކުރުމަށް އެ ރަށަށް ދިޔަ ދެ ބިދޭސީއަކު ހޯމް ކަރަންޓީނު ނިމި ނެގި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވުމުން އެ މީހުންނާ ކޮންޓެކްޓްވި އިތުރު ބިދޭސީންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުންނެވެ.

ނަމަވެސް ފްލޫ ކްލިނިކަށް ދިޔަ ދެ މީހުންގެ ގަޔަށް ބަލި އެރިގޮތެއް އަދި ނޭނގެ އެވެ. އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.