ނޫސް ކިޔާއިރު ނުވަތަ ޓީވީގެ ސްކްރީނަށް އަރުވާ ލިޔުންކޮޅެއް ކިޔަން އުނދަގޫ ވޭ ހެއްޔެވެ؟ އުމުރާއެކު ލޮލުގެ ފެނުމަށް ބަދަލު އަންނަކަން ފާހަގަ ކުރެވޭ ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ ތިރީގައި މިވާ ކަންކަމިން ލޫލުގެ ފެނުން މިހާރަށް ވުރެ ރަނގަޅު ކުރެވިދާނެ އެވެ.

ލޮލުގެ ސިއްހަތާ ރައްޓެހި ކާނާ ކެއުން

ސިއްހަތަށް ފައިދާހުރި ކެއުމެއް ގެންގުޅުމަކީ ގިނަ ބަލިތަކުން ދިފާއު ވުމަށް އެޅޭ މުހިއްމު ފިޔަަވަޅެކެވެ. އެގޮތުުން ލޮލުގެ ފެނުން ރަނގަޅު ކުރުމަށް ވެސް ވިޓަމިން އޭ، ސީ، އީ އަދި އޮމެގާ 3 ހިމެނޭ ކެއުންތައް އެހީވެދޭނެ އެވެ.

އާއްމު ސިއްހަތަށް ފަރުވާތެރިވުން

ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުން ފަދަ ބަލިތަކަކީ އެބަލިތަކުގެ ސަބަބުން ލޮލުގެ ފެނުމަށް ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ. މިފަދަ ބައްޔެއް ހުންނަ ނަމަ އެ ބަލި ކޮންޓްރޯލް ކޮށްގެން އުޅުމަކީ ލޮލުގެ ފެނުމަށް ލިބޭ ގެއްލުންތަކުން ސަލާމަތްވާނެ ކަމެކެވެ.

20-20-20 ގެ އުކުޅު ގެންގުޅުން

މިއަދުގެ ވަޒީފާތަކަކީ ވަރަށް ގިނައިރު ސްކްރީން ކުރިމަތީގައި އިނދެ މަސައްކަތް ކުރަން ޖެހޭ ވަޒީފާ ތަކެކެެވެ. އެހެންކަމުން 20-20-20 މި އުކުޅު ގެންގުޅުމަކީ އެކަމުން ލިބޭ ގެއްލުން ކުޑަ ކޮށްދޭނެ ކަމެކެވެ. މި އުކުޅުގައި 20 މިނެޓު ސްކްރީން އަކަށް ބެލުމަށްފަހު 20 ފޫޓު ދުރުގައި ހުރި އެއްޗަކަށް 20 ސިކުންތު ވަންދެން ބަލަން ހުރުމަށްފަހު އަނެއްކާ ވެސް މި އުކުޅު ތަކުރާރު ކުރާށެވެ.