އިންޑިއާގެ އެގްރިކަލްޗާ ގާނޫނާ ގުޅިގެން މިވަގުތު ދަނޑުވެރިން ކުރަމުންދާ މުޒާހަރާތަކުގައި ބޮލީވުޑްގެ ތަރި، ބޮބީ ޑީއޯލްގެ ފިލްމެއްގެ ޝޫޓިން ހުއްޓުވާލައިފި އެވެ.
"ލަވް ހޮސްޓެލް" ނަމަކަސް ކިޔާ މި ފިލްމުގައި ބޮބީ ޑިއޯލްގެ އިތުރުން ވިކްރާންތް މަސީ އަދި ސަންޔާ މަލޯޓްރަ ވެސް ފެނިގެންދާނެ އެވެ.
ފިލްމު ޝޫޓުކުރަން ހަމަޖެހިފައި އޮތް ހިސާބަށް ދަނޑުވެރިން ގޮސް ހަމަނުޖެހުން ހިންގި އިރު ފިލްމުގެ ތަރިން ސެޓަށް އައިސްފަ އެއް ނުވެ އެވެ. އެ މީހުން ވަނީ ޝޫޓިންއަށް ތައްޔާރުވަމުން ދިޔަ ކްރޫއަށް އެތަނުން ދިއުމަށް އަންގާފަ އެވެ.
މިކަމާ ގުޅިގެން އިންޑިއާގެ މީޑިއާއަކާ ވާހަކަދެއްކި މުޒާހަރާގެ ބައިވެރިޔަކު ވަނީ އެ ފިލްމުގެ ކްރޫއަށް ޕަޓިއާލާ އިން ދިއުމަށް އެންގީ ކީއްވެކަން ކިޔާދީފަ އެވެ.
އެ މީހުން ތަމްސީލުކުރާ އިސް މީހަކު ބުނި ގޮތުގައި އެ ފިލްމުގެ މައި އެކްޓަރު ބޮބީ ޑިއޯލްއަކީ ބީޖޭޕީއަށް ތާއީދުކުރާ ޑިއޯލް އާއިލާއަށް ނިސްބަތްވާ މީހެކެވެ.
"ބޮބީގެ ބޭބެ ސަނީ ޑިއޯލްއަކީ ބީޖޭޕީގެ އެމްޕީއެއް. މަންމަ ހެމާ މާލިނީއަކީ ބީޖޭޕީގެ އެމްޕީއެއް. އަދި ބައްޕަ ދަރްމެންދްރާއަކީ ބީޖޭޕީގެ ކުރީގެ އެމްޕީއެއް،" ދަނޑުވެރިޔާ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ދެމަސް ދުވަސް ވަންދެން ދަނޑުވެރިންގެ މުޒާހާރަތަކާ ގުޅިގެން ބަހެއް ނުބުނެ ތިބެފައި ރިހާނާގެ ޓުވީޓާ ގުޅިގެން ސަރުކާރުގެ ދިފާއުގައި އެ އާއިލާއިން ޓުވީޓްކޮށްފައިވެ އެވެ.
ހެމާ މާލިނީ ކުރި ޓުވީޓުގައި ބޭރުގެ ސެލެބްރިޓީންނަށް އެނގެނީ ހަމަ އެކަނި އިންޑިއާގެ ނަން ކަމަށާއި އެހެންކަމުން އިންޑިއާގެ ދާހިލީ ކަންކަމާއި އުސޫލުތަކަށް ބަސްބުނަނީ ކޮން ކަމެއް ހާސިލްކުރަންތޯ ވަނީ ސުވާލުކޮށްފަ އެވެ.
މި ޓުވީޓާ މެދު ހިތްހަމަ ނުޖެހި، ދަނޑުވެރިން ބުނެފައިވަނީ މިއީ އެ މީހުންނާ ދެކޮޅަށް ކުރި ޓުވީޓެއް ކަމަށެވެ. އަދި ޑިއޯލް އާއިލާގެ އެއްވެސް މެންބަރަކަށް ޕަންޖާބް އާއި ހަރްޔާނާގައި ޝޫޓްކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެ ސްޓޭޓަށް އެތެރެވިޔަ ވެސް ނުދޭނެ ކަމަށެވެ.