މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގައި އަންނަ މަހުގެ ޕްރައިމަރީ ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ފަސްކުރިއިރު، ވެރިކަންކުރާ ޕީއެންސީން ވެސް މި މަހުގެ 20 ވަނަ ދުވަހު ޕްރައިމަރީ ބާއްވަން ނިންމި ޕްރައިމަރީ ފަސްކުރަން ނިންމައިފަ އެވެ. ނަަމަވެސް އެ ޕާޓީގެ ޕްރައިމަރީ ބާއްވާނެ ދުވަހެއް އިއުލާނެއް ނުކުރެ އެވެ.

އެމްޑީޕީން ނެރުނު އިއުލާނެއްގައި ވަނީ ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި، އެ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށްފަ އެވެ. އެގޮތުން 43 ދާއިރާއެއްގައި އެމްޑީޕީން ޕްރައިމަރީ ބާއްވާއިރު އެ ދާއިރާތަކުގައި ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު ކަމަށް އެމްޑީޕީން ބުނެ އެވެ.

ބާކީ ހުރި ދާއިރާތަކުގެ ތެރެއިން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ހުޅުވައިލި ފުރުސަތުގައި އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ ޕްރައިމަރީއަކާ ނުލައި 35 ކެންޑިޑޭޓަކަށް ވަނީ ޓިކެޓް ކަށަވަރުވެފަ އެވެ.

މަޖިލީހުގެ ދެން އޮންނަ ދައުރަށް ހަ ދާއިރާ އިތުރުކޮށްފައި އޮތުމާ އެކު، ޖުމްލަ މެމްބަރުންގެ އަދަދު 93 އަށް އަރާނެ އެވެ. އެހެންކަމުން އެމްޑީޕީއިން ޓިކެޓު ކަށަވަރުވެފައިވާ ކެންޑިޑޭޓުންނާއި ޕްރައިމަރީ ބާއްވާ ދާއިރާތަކަށް ބަލާއިރު، އެ ޕާޓީން 15 ދާއިރާއަކުން ވާދަ ނުކުރާނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.