މާލޭގެ އެކި ހިސާބުތަކުގައި ހުންނަ ގަސްތަކުން އަނބު ބިންނަ މީހަކު އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

އަޒްނީފް މުހަންމަދު, 34، ކިޔާ މި މީހާ އަކީ ވަގަށް އަނބު ބިނުމުގެ މައްސަލާގައި އެކި ފަހަރުމަތިން ހައްޔަރުކޮށްފައިވާ މީހެކެވެ.

މިފަހަރު އޭނާ ހައްޔަރުކުރީ މާލޭގައި ހުންނަ ކުރީގެ އިންޑިއަން އެމްބަސީ އިމާރާތް ތެރޭގައި ހުރި ގަހަކުން އަނބު ބިންނަނިކޮށެވެ.

މި މައްސަލާގައި އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު، އެ އަމުރުގައިވާގޮތުން އޭނާ އެތަނުގެ ފުރާޅުމަތީ ހުއްޓާ ފެނިފައިވެ އެވެ. އެހެންވެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތު އުފެދޭ ވަރަށް ހެކި ހުރި ކަމަށް ކޯޓު އަމުރުގައިވެ އެވެ.

މިފަދަ މައްސަލަތަކުގައި އެކި ފަހަރުމަތިން އޭނާ ހައްޔަރުކޮށްފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ވެސް ޖުމްލަ 38 ފަހަރު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް އަމުރުގައިވެ އެވެ. އޭގެ ތެރެއިން 19 ފަހަރު އޭނާ ބަންދުކުރި އިރު، އެންމެ ފަހުން ވެސް އޭނާ ހައްޔަރުކުރީ 200 އަށް ވުރެ ގިނަ އަނބު ބިނދެގެން ދަބަހަކަށް އަޅައިގެން ފިލައިގެން އުޅެނިކޮށެވެ.