ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށުގެ ރިކޯޑާއި ދަރަނީގެ ރެކޯޑު ފޯމާއި، އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ ބޭންކް އެކައުންޓް ހުޅުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މާޗް 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށެވެ. އަދި މި މަހުގެ 31 އިން ފެށިގެން ފެބްރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

އީސީގެ އިއުލާންގައި ބުނެފައި ވަނީ މަޖިލިހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރިކޯޑް ފޯމާއި އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ ބޭންކް އެކައުންޓް ހުޅުވުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ފަސޭހަ ކުރުމުގެ ގޮތުން ދުރާލާ ދިނުމަށް ބޭނުންވާ ކަމަށެވެ.

އެގޮތުން ޑިސެމްބަރު 14 ގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން އެދޭ މީހާއާއި އޭނާގެ ރަސްމީ އިންތިހާބީ އޭޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު ބަލައިގަތުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ އިއުލާންގައިވެ އެވެ.

"ވީމާ، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިސްވެ ދެންނެވިފައިވާ ގޮތަށް، ކުށާއި ދަރަނީގެ ރެކޯޑު ދުރާލާ ސާފުކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށާއި، އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހުން އިންތިހާބަށް ހާއްސަ ބޭންކް އެކައުންޓް ހުޅުވުމުގެ ކަންކަން މިއަދުން ފެށިގެން ކުރިޔަށް ގެންދިޔުމަށް ވެސް ދަންނަވަމެވެ." އިއުލާންގައިވެ އެވެ.