0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ލިސްޓު ފައިނަލް ކުރަން، އައިޑީގައިވާ މައުލޫމާތު ބަދަލުވި މީހުން އަންނަ އާދިއްތަ ދުވަހުގެ ކުރިން އައިޑީ ކާޑު ހައްދަން ފޯމު ހުށަހެޅުމަށް ޑިޕާޓްމެންޓު އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެެވެ. ވޯޓާސް ލިސްޓު ފައިނަލްކުރުމަށް ފަހު އައިޑީ ކާޑުގައި ހުރި މައުލޫމާތަށް ބަދަލެއް އަތުވެއްޖެ ނަމަ، އެމީހަކަށް ވޯޓުލުމުގެ ހައްގު ގެއްލޭނެ އެވެ.

މިކަމާ ގުޅިގެން ޑީއެންއާރް އިން މިއަދު ކުރި އިއުލާނުގައި ވަނީ އައިޑީ 18 އަހަރުން މަތީ މީހުންގެ މައުލޫމާތު ބަދަލުވެފައިވާނަމަ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން އައިޑީ ކާޑު ހެދުމަށް ހުށަހެޅުމަށް އެދިފަ އެވެ. އަދި އެ ތާރީހުގެ ފަހުން އައިޑީކާޑު ހައްދަން ހުށަހަޅާ މީހުންނަށް އައިޑީ ހައްދައިދޭނީ މަޖިލިސް އިންތިހާބުގައި ވޯޓު ނުލެވުނަސް ރަނގަޅުކަމަށް އެއްބަސްވާނަމަ ކަމަށެވެ.

ޑީއެންއާރް އިން އިތުރަށް ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ކުރިއެކޭ ވެސް އެއްގޮތަށް 18 އަހަރުން މަތީ މީހުންގެ މައުލޫމާތު ބަދަލުކޮށް އައިޑީ ކާޑު ހަދައިދެމުން ދާނެ ކަމަށެވެ.

މި އަހަރުގެ ރައްޔިތިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާން ހަމަޖައްސާފައި ވަނީ މާޗު މަހުގެ 17 ވާ އާދިއްތަ ދުވަހު އެވެ. މި އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. މި އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ގިނަ ޕާޓީތަކުން ޕްރައިމަރީ އިންތިޚާބުތަކަށް ތައްޔާރުވެ ކެންޑިޑޭޓުން ނެރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.