ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓު ލުމަށް ރީ-ރަޖިސްޓަރ ކުރުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ގަ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމާއި، ރީ-ރަޖިސްޓްރޭޝަނަށް އެމްޑީޕީއިން ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ މުއްދަތު މިއަދަށް ހަމަވާއިރު، އެ ޕާޓީން ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 14:00 އަށް މުއްދަތު އިތުރުކޮށްދީފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހުގެ 16 އިން 25 އާ ހަމައަށެވެ. އެ ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން 46 މީހަކަށް ޕްރައިމަރީގައި ވާދަކުރަން ނުޖެހި ޓިކެޓްވަނީ ކަށަވަރުވެފަ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާއިރު، ގިނަ ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ އިންތިހާބަށް ތައްޔާރުވަމުންނެވެ.