މާލެ އާއި ރަސްމާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގެ އިންތިހާބީ މޭޔަރާއި ކައުންސިލަރުން ހުވާކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ޓަނަލް ގާއިމް ކުރުމުގެ ގާބިލްކަން ހުރި ފަރާތްތަކާ މަޝްވަރާކޮށް އޭގެ ފީޒިބިލިޓީގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ.

"އެ ޓަނަލް ވެގެންދާނީ އެ ޓަނަލްގައި ދުއްވާ ޓްރެއިން ގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލަކަށް، އެތައް މިލިއަން ޓުއަރިސްޓުން އިތުރު ވެގެން ދާނެ މަޝްރޫއަކަށް، އަޅުގަނޑުމެން ގެންދާނީ ފޭރާން ހެޔޮ ސިޔާސަތެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ތިލަފުއްޓާއި ގުޅިފަޅާއި ގިރާވަރު ފަޅުގެ އިތުރުން ފުށިދިއްގަރު ފަޅު ވެސް ހިއްކަންޖެހޭ ކަމަށް ރައީސް މުއިއްޒު މިރޭ ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އެތަނަށް މާލެއިން ލޯންޗެއްގައި ދެވޭނީ 17 ވަރަކަށް މިނެޓުންނެވެ. ކ. ގުޅި ކައިރީ އޮންނަ ފުށިދިއްގަރުފަޅު ހިއްކަން ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.