ލަންޑަން (7 ފެބްރުއަރީ) - އިނގިރޭސިިވިލާތުން ކޮވިޑް ވެކްސިން ޕާސްޕޯޓު ނުދިނުމަށް ނިންމައިފި އެވެ.

ނަމަވެސް، އެހެން ގައުމުތަަކަށް ދަތުރުކުރަން އެދޭ ފަރާތްތަކުން ބޭނުންވާ ލިޔުން ޑޮކްޓަރުން ކައިރިން ހޯދޭނެ ކަމަށް އިނގިރޭސިވިލާތުގެ ވެކްސިން ޑިޕްލޯއިމެންޓް މިނިސްޓަރ ނަދީމް ޒަހަވީ ވިދާޅުވި އެވެ.

ވެކްސިން ޖަހާފައިވާ މީހުންނަށް އެހެން ގައުމުތަކަށް ދަތުރުކުރުމުގެ ހުއްދަދިނުމުގެ ކުރިން ވެކްސިން ޕާސްޕޯޓެއް ދިނުމަކީ މުހިންމު ކަމެއްތޯ ބައެއް ގައުމުތަކުންދަނީ ސުވާލު އުފައްދަމުންނެވެ.

ވެކްސިން ޕާސްޕޯޓު ދިނުމަކީ މުހިންމުކަމެއް ކަމުގައި މިނިސްޓަރު ނަދީމް ނުދެކޭއިރު އިނގިރޭސިވިލާތުގެ ކުރީގެ ޕްރައިމް މިނިސްޓަރާއި، ގްރީސްގެ ޕްރައިމް މިނިސްޓަރު ކްރިއާކޮސް މިޓްސޮޓާކިސް ވިދާޅުވާގޮތުން ވެކްސިން ޕާސްޕޯޓެއް ތައާރަފްކުރުން މުހިންމެވެ.

ނަދީމް ވިދާޅުވީ އިނގިރޭސިވިލަތުގައި ވެކްސިން ޖެހުމަކީ މަޖުބޫރުކަމަކަށް ނުވުމުން ވެކްސިން ޕާސްޕޯޓަކީ ތަފާތުކުރުމެއް އުފެދިދާނެ ކަމެއް ކަމަށެވެ.

"ވެކްސިން ޖެހިކަން ޔަގީންކޮށްދިނުމަށް ހެއްކެއްގެ ގޮތުގައި ޑޮކްޓަރުގެ ލިޔުމެއް އޮންނާނެ، އެހެން ގައުމުތަކުން އެ ލިޔުމުގެ ސައްހަކަން ކަށަވަރުކުރުމަށް އިތުރު ހެއްކެއް ބޭނުންވާނަމެ އެއީ އެ ގައުމެއްގެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ 3.93 މިލިއަން މީހުން ކޮވިޑަށް ޕްޒިޓިވް ވެފައިވާއިރު އޭގެތެރެއިން 112،000 މީހުން ވަނީ މަރުވެފަ އެވެ. އަދި އެ ގައުމުގެ ވެކްސިން ޖެހުމުގައި އެއްވެސް މަޖުބޫރުކަމެއް ނެތްއިރު 11 މިލިއަން މީހުން ވެކްސިން ޖަހައިފި އެވެ.