ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތުން ކަނޑު އަޑީގެ ޓަނަލް ހެދުމަށް ވުރެ ރައްޔިތުންނަށް މާ މުހިއްމު އަސާސީ ކަންކަން ކުރަންވެފައި އެބަހުރި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދި ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިފަދައިން ވިދާޅުވީ ރަސްމާލެ އާއި މާލެ ކަނޑުގެ އަޑީގެ ޓަނަލަކުން ގުޅައިލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ހޯމަ ދުވަހުގެ ރޭ އިއުލާން ކުރެއްވުމާ ގުޅިގެން އެކަމަށް ފާޑު ވިދާޅުވެ ޖަމީލުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޑރ. ޖަމީލު ވިދާޅުވީ ދަރަންޏާއި އިންފްލޭޝަން ފަދަ އިގުތިސާދީ މައްސަލަތަކުގެ ތެރޭގައި ރާއްޖެ އޮއްވައި ކަނޑު އަޑީގެ ޓަނަލެއް އަޅަން ސަރުކާރުން އިއުލާން ކުރުމަކީ އެއްވެސް ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މިކަމާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވެ އެންމެ ބޮޑު ބިރަކީ ގައުމުގެ އިގުތިސާދީ ހާލަތު ނޭނގޭ، ކުރިއެރުމާއި، ހުރަސްތައް ނޭނގޭ ރައީސެއް އިންތިހާބު ކުރެވުނުކަމުގެ ބިރު." ޖަމީލު ވިދާޅުވި އެވެ.

https://www.facebook.com/DrMJameelAhmed/posts/810848154182759?ref=embed_post

މާލެ އާއި ރަސްމާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލާނެކަން ރައީސް އިއުލާން ކުރެއްވުމާ އެކީ އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަށް ފާޑު ކިޔައި، ޖޯކު ވެސް ޖަހަމުންނެވެ. އަދި މިކަމަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި މިފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ގާބިލުކަން ސަރުކާރަކު ނެތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލެ އާއި މާލެ ސިޓީ ގުޅާލާނީ ދުނިޔޭގެ ފުރަތަމަ، ކަނޑުއަޑީގެ ޓަނަލުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، 'އަންޑަވޯޓާ ޓަނަލް' ހަދާނީ އޭގެ އެތެރެއިން ރޭލުގައި ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ކަމަށެވެ.

"އެ ޓަނަލް ވެގެންދާނީ އެ ޓަނަލްގައި ދުއްވާ ޓްރެއިންގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލަކަށް، އެތައް މިލިއަން ޓޫރިސްޓުން އިތުރު ވެގެން ދާނެ މަޝްރޫއަކަށް. އަޅުގަނޑުމެން ގެންދާނީ ފޭރާން ހެޔޮ ސިޔާސަތެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.