ޒިކުރާ މިސްކިތް އިމާރާތްކޮށް އެ ތަނުގައި ތިން ބުރީގެ އިމާރާތެއް ހެދުމަށް އެ މަސައްކަތް ކުރިން ވެސް ހަވާލުކުރި އެސްޖޭ ކުންފުންޏަށް މިއަދު ދީފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެސްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ބުނާ ގޮތުން ނަމަ، އެ މިސްކިތް ތިން ބުރިއަށް ހަދަނީ އެސްޖޭގެ އަމިއްލަ ހަރަދުގަ އެވެ.

މަޖިދީމަގުގައި ހުންނަ ޒިކްރާ މިސްކިތް 10 ބުރިއަށް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 130 މިލިއަން ރުފިޔާ އަށް އެސްޖޭއާ ހަވާލު ކުރި އެވެ. އެކަމަކު، އޭރު ހެދި އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާ ކަމަށް ބުނެ ކުރިން އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީއިން އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަނުން ވެސް ވަނީ އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 111 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އެސްޖޭ އިން އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ އެއްބަސްވުން ބާތިލްކުރުމުގައި ގޯހެއް ނެތް ކަމަށެވެ. އެސްޖޭ އިން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ވެސް ކުރި އެވެ.

އޭގެ އިތުރުން ބާ މިސްކިތް ވެސް ތަޅާލި ފަހުން ނިމިދިޔަ ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރުމުން، މިސްކިތް އަޅަން އިކުއިޒިޝަންގެ ގޮތުގައި އެސްޖޭއަށް އޭރު ދިން 30 މިލިއަން ރުފިޔާ ހޯދަން ދައުލަތުން ވެސް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް، އެސްޖޭގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް އަޅާ ގޮތަށް ކޯޓުން ދެ ފަރާތުން ވެސް ވަނީ ކޯޓުން ބޭރުން އެ މައްސަލަ ނިންމައިފަ އެވެ. އެސްޖޭ އިން ފަހުން ވަނީ އޭޕްރީލް 23، 2021 ގައި ވަގުތީ މިސްކިތެއް އަޅައިފަ އެވެ.

ޒިކުރާ މިސްކިތުގެ އިތުރުން، މިނިސްޓްރީން ވަނީ އަމިއްލަ ހަރަދުގައި ހުޅުމާލޭގައި އިތުރު ދެ މިސްކިތެއް އެޅުމުގެ އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ އަލީމް ފައުންޑޭޝަން އަދި ލީސާ މޯލްޑިވްސް އިން އިމާރާތްކުރާ ދެ މިސްކިތެވެ.