އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދިރިއުޅުއްވާ ގެކޮޅުގެ ބޭރުގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާކުރަމުން އެބަދެ އެވެ. މިމުޒާހަރާގެ ބައިވެރިން އެދެމުންދަނީ ނަތަންޔާހޫ ބޮޑުވަޒީރު ކަމުން އިސްތިއުފަ ދިނުމަށެވެ.

ނަތަންޔާހޫގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ދައުވާތަކާއި ޕެންޑަމިކްގެ ތެރޭގައި ގައުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާމެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުން ފާޅުކޮށް ނަތަންޔާހޫ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދިނުމަށް ގޮވާލާ ސެންޓްރަލް ޖެރުއްސަލެމްގައި ކޮންމެ ހަފްތާއަކު މުޒާހަރާކުރާތާ މިހާރު ވަނީ ހަތް މަސްވެފަ އެވެ.

މުޒާހަރާގެ ބައިވެރިން ބުނާގޮތުގައި ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކުރެވި ވަކިވަކި ތިން މައްސަލަ ކުރިއަށްދާއިރު ބޮޑުވަޒީރުގެ މަގާމުގައި ހުރެވިގެންނުވާނެ އެވެ.

ނަތަންޔާހޫގެ މައްޗަށް ކުރެވިފައިވަނީ ރިޝްވަތު ގްބޫލުކުރުމާއި، އިތުބާރު ނަގާލުމާއި، އަދިވެސް ރިޝްވަތާ ގުޅުންހުރި މައްސަލައެއްގެ ދައުވާ އެވެ. ޔަތަންޔާހޫގެ މައްޗަށް ކުރެވިފައިވާ ދައުވާތަކުގެ އަޑުއެހުން މެޑުކަނޑާލާފައި އޮތުމަށްފަހު، މިހަފްތާގައި އަލުން ފެށުމަށްވަނީ ހަމަޖެހިފަ އެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ މިދަނޑިވަޅުގައި ގައުމުގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓުމާ މުޅި ގައުމު ލޮކްޑައުންކުރުމުގެ ސަބަބުން އެތައްހާސް ބައެއްގެ ވަޒީފާ ގެއްލުމުން، އެކަމުގެ އިލްޒާމް ނަތަންޔާހޫގެ ބޮލުަގައި މުުޒާހަރާގެ ބައިވެރިން ދަނީ އަޅުވަމުންނެވެ.

މިހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އިޒްރޭލްގައި އިއުލާންކުރި ތިންވަނަ ލޮކްޑައުންގެ ގަވާއިދުތަކަށް ދޫދިނުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް އަދިވެސް ކޮވިޑްގެ ގިނަ ކޭސްތަކެއް އިޒްރޭލުން ފެންނަމުންދާތީ، ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް އަދިވެސް އަމަލުކުރުމަށްވަނީ ނިންމާފަ އެވެ. ކަން މިހެންހުރިއިރު، އިޒްރޭލުގެ ކޮވިޑް ވެކްސިން ދިނުމުގެ ކެމްޕެއިނަކީ މުޅި ދުނިިޔެއިން ވެސް ފާހަނގަކޮށްލެވޭ ކާމިޔާބު ކެމްޕެއިންއެކެވެ.