ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިމުމާ މެދު ގޮތެއް ނިންމުން އެޖެންޑާކޮށް އާދީއްތަ ދުވަހު ދައުރުން ބޭރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފި އެވެ.

މިދިޔަ އަހަރުގެ ފަހު ދައުރު ނިމުމުން މަޖިލިސް މެމްބަރުން މިހާރު ތިއްބެވީ ޗުއްޓީގަ އެވެ. މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށަަން ހަމަޖައްސާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގަ އެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ގުޅިގެން ކުރަން ހުރި ބައެއް ކަންކަން ކުރުމަށް ދައުރުން ބޭރުގެ ޖަލްސާތަކެއް ބާއްވަން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ.

ދައުރުން ބޭރު ޖަލްސާ ބާއްވަން ހުށަހެޅީ 38 މެމްބަރުންގެ ސޮޔާއެކު އެވެ. އޭގެތެރޭގައި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ހިމެނެ އެވެ.

އާދީއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި ރަމަޟާން މަހު މަޖިލީސް އިންތިހާބު ބޭއްވުން ހުއްޓުވަން އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން ހިމެނެ އެވެ. ހަމައެހެންމެ ގޯއްޗާއި ފްލެޓް ދިނުން އަވަސްކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ބިމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން ވެސް އެޖެންޑާކޮށްފައިވެ އެވެ.