ބޮލުގައި ރިއްސުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ވަރަށް އާއްމުކޮށް ތަހައްމަލް ކުރަމުން އަންނަ ކަމެކެވެ. އެއްބަޔަކު މައިގްރޭން އާއި ސައިނަސް ފަދަ ބަލިތަކުގެ ސަބަބުން ބޮލަށް ތަދުވުން ތަހައްމަލް ކުރާއިރު އަނެއް ބަޔަކަށް އެ މީހުންގެ ބޮލުގައި ރިއްސަނީ ކީއްވެ ކަމެއް ނޭނގެ އެވެ.

ސިއްހީ ސަބަބެއް ނެތި މާ ގިނައިން ބޮލުގައި ރިއްސާ ނަމަ ދިރިއުޅުމުގެ އާދަތަކަށް ނަޒަރު ހިންގާލުން ރަނގަޅުވާނެ އެވެ. ދިރިއުޅުމުގައި ގެންގުޅެވޭ ބައެއް އާދަތަކުގެ ސަބަބުން ވެސް ބޮލުގައި ރިއްސުމަށް މަގުފަހި ކުރުވާތީ އެވެ.

ކެއިން ބުއިމަށް ރައްކާތެރިވުން

އާއްމުކޮށް ތިބާ ކައިއުޅޭ ތަކެއްޗަކީ އެތަކެތީގެ ސަބަބުން ތިބާގެ އާއްމު ސިއްހަތަށް ގިނަ އަސަރުތަކެއް ކުރުވާނެ ތަކެއްޗެވެ. އެގޮތުން މާގިނައިން ކެފެއިން އަޅާފައި ހުންނަ ތަކެތި ބުއިމާއި ޕެކެޓް ކޮށްފައި ހުންނަ ލޮނު ހިމެނޭ ބާވަތްތައް ކެއުމަކީ ބޮލުގައި ރިހުމަށް ފުރުސަތު ލިބިދޭ ކަމެކެވެ.

ނަފްސާނީ ދުޅަހެޔޮކަން

ސްޓްރެސް އާއި އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތައް ދިގު ދެމިގެން ދާނަމަ ބޮލުގައި ރިއްސުން ގިނަވާނެ އެވެ. އެހެންކަމުން ތިބާގެ ހަޔާތުގައި ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް ގަބޫލު ކުރެވޭނަމަ ލަސްނުކޮށް އަވަހަށް ސިއްހީ ފަރުވާ ހޯދާށެވެ. ނުވަތަ އާއިލާ އާއި ރަހްމަތްތެރިންނާ އެކު ކަންބޮޑުވުންތައް ހިއްސާކުރާށެވެ.

ނިދި ރަނގަޅު ކުރުން

ދުވާލުގެ ވަގުތުތަކުގައި ބުރަކޮށް އުޅުމަށް ފަހު، ނިދި ހަމައަށް ނުލިބުމަކީ ބޮލަށް ތަދުވުން އިތުރުކޮށްދޭ ކަމެކެވެ. ނިދި ހަމަނުވެ ޖެހިގެން އަންނަ ދުވަހުގެ މަސައްކަތްތައް ފަށާނަމަ އެ ފުރުސަތު އިތުރަށް ބޮޑުވެ އެވެ. އެހެންކަމުން ބުރަ ދުވަހަކަށްފަހު ހަށިގަނޑަށް އަރާމު ހޯދައިދިނުމަށް ފުރުސަތު ދޭށެވެ. ނިދާ ގަޑީގައި ފޯނާއި އެހެނިހެން ތަކެތި ބޭނުން ނުކުރާށެވެ.

މިކަމަށް ފަރުވާތެރިވެ، މި މައްސަލައަށް ހައްލެއް ގެނެވިދާނެ އެވެ.