ފެނަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް މުހިއްމު އެއްޗެކެވެ. އިންސާނާ ދުޅަހެޔޮ ސިއްހަތެއްގައިވުމަށް އެދޭނަމަ ދުވާލަކު ދޭއް ނުވަތަ ތިން ލީޓަރުގެ ފެން ބޯންޖެހެ އެވެ. ދިރާސާތައް ބުނާގޮތުން ފެނާ ނުލައި އިންސާނާއަށް ދިރިހުރެވޭނީ ގިނަވެގެން ތިން ދުވަހެވެ.

ހަމައެހެންމެ ފެނަކީ ދިރިހުރުމަށް މުހިއްމު އެއްޗެއް ނަމަވެސް މާ ގިނައިން ފެން ބޮވުމަކީ އާދަޔާ ޚިލާފު ކަމެކެވެ.

ނަމަވެސް މާގިނައިން ފެން ބުއިން އެއީ ކޮން ކަހަލަ ކަމެއްތޯ އަދި އެކަމުން ހަށިގަނޑަށް ކުރަނީ ކޮން އަސަރުތަކެއްކަން ދަންނަނީ މަދު ބައެކެވެ. އާއްމު އުސޫލެއްގެ ގޮތުން ފެނަކީ ހަށިގަނޑަށް ރަނގަޅު އެއްޗަކަށް ވީ ނަމަވެސް މާ ގިނައިން ފެން ބޯނަމަ ސިއްހީގޮތުން މައްސަލަތަކެއް ކުރިމަތިވުން އެކަށީގެންވެ އެވެ.

އެގޮތުން އިންސާނާގެ ކިޑްނީ އަކީ ހަށިގަނޑަށް އިތުރުވާ ފެނާއި، ބޭކާރު އެކި މާއްދާތައް ހަށިގަނޑުން ބޭރުކޮށްދޭ އެއް ގުނަވަނެވެ. ކިޑްނީއަށް ގަޑިއިރަކަށް ފިލްޓަރު ކުރެވެނީ 800-1000 މިލި ލީޓަރުގެ ފެނެވެ. އެއަށްވުރެ ގިނައިން ފެން ބުނިމަކީ ހަށިގަނޑަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ހޯދުންތަކުން ހާމަކޮށްފައިވެ އެވެ. ސަބަބަކީ، އަވަސް އަވަހަށް ފެން ބުނިމުން ނުވަތަ ގިނައިން ފެން ބުއިމުން ކިޑްނީގެ މަސައްކަތަށް ބުރޫ އެރުމެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގައިވާ ސެލްތަކަށްވެސް ބޮޑެތި ގެއްލުންވެ އެވެ.

ހަމައެހެންމެ ފެން ބުއިމުގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް ގެއްލުން ވެއްޖެނަމަ، އެކަން ފުރާނައަށް ނުރައްކާތެރިވެގެންދެ އެވެ.

ރަނގަޅު ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ދުވާލަކު ހަށިގަނޑަށް ބޭނުންވަނީ މަދުވެގެން 3-4 ލީޓަރުގެ ފެނެވެ. ކެއުމަށް ބޭނުންކުރާ އެކި ބާވަތްތަކުގައި ފެން ހިމެނޭއިރު، ގިނަ ހޯދުންތަކުން ލަފާދެނީ ފެން ބޮވާހެން ހީވުމުން ފެން ބުއިމަށެވެ.