ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުން ފެށިގެން ކުރިއަށް އެބަދެ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުން ކުޑައިރުކޮޅެއްގެ ކުރިން ވަނީ ފަށައިފަ އެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެ މައްސަލަ ކޮމިޓީ އަށް ފޮނުވުމުން މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމަށެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހަޅައި އެ މައްސަލަ އަށް މެމްބަރުންގެ މެދުގައި ވަނީ ބަހުސްކޮށް ނިންމައިފަ އެވެ.

ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި ވޯޓަށް އެހުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު 1:30 ގަ އެވެ.

މަޖިލިހުގައި ޕާޓީތައް އެކުލެވިފައި އޮންނަ ގޮތުން އެންމެ ގިނަ މެމްބަރުން ތިއްބެވީ އެމްޑީޕީގަ އެވެ. އެ ޕާޓީގައި ތިއްބެވި މެމްބަރުންގެ އަދަދު 44 އަށް އަރަ އެވެ. ޕީއެންސީގައި ތިއްބެވީ 14 މެމްބަރުންނެވެ. ޑިމޮކްރެޓްސްގައި 13 މެމްބަރުން ތިއްބަވަ އެވެ. ޑިމޮކްރެޓްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ތްރީ ލައިން ވިޕެއް ނެރެފަ އެވެ.

މިއަދު ބަހުސް ކުރެއްވި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ވިސްނުމަކީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމެވެ. ހުރިހާ ވަޒީރުންނަށް ރުހުން ދޭން ގޮވާލީ ޕީޕީއެމާއި ޕީއެންސީ އާއި ޖޭޕީ އަދި އެމްޑީއޭގެ މެމްބަރުންނެވެ.