ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހަތަރު ވަޒީރަކަށް ރުހުން ނުދިނުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ތްރީ ލައިން ވިޕެއް ދެންމެ ނެރެފި އެވެ.

މި ހަތަރު ވަޒީރުންނަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ވަޒީރުންނަށް ރުހުން ނުދިނުމަށް ރެޑް ލައިން ވިޕެއް ނެރުމަށެވެ.

އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މީގެއިތުރުން ރައީސް މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ އަނެއް 18 ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދޭ ގޮތަށް ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީން ހަތަރު ވަޒީރަކަށް ރުހުން ނުދިނުމަށް ނިންމި އިރު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަށް ރުހުން ނުދިނުމަށް އެމްޑީޕީއާ ވަކިވެ، އަލަށް އުފެދި ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމައިފަ އެވެ.

މަޖިލިހުގައި އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި މިވަގުތު އޮތީ އެމްޑީޕީ އެވެ. އެ ޕާޓީގައި 44 މެމްބަރުން އެބަތިއްބެވި އެވެ. ޑިމޮކްރެޓްސްގައި ތިއްބެވީ 13 މެމްބަރުންނެވެ.

ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާ މިއަދު މެންދުރު ފަހު 1:30 ގައި އޮންނާނެ އެވެ.