ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުންނަށް އަލުން މަގާމު ދެއްވަން ނިންމެވުމަކީ ގާނޫނުއަސާސީ އާއި މަޖިލިހަށް ގޮންޖަހަން ކުރި ކަމެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީން މިއަދު ސިފަކޮށްފި އެވެ.

އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން ރުހުން ނުދިނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރައްވައި، ފަތްކޮޅު އަރުވައިފަ އެވެ. އެ ބޭފުޅުންނަށް މަގާމުގެ ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސޫދެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ވަޒީރުން އައްޔަން ކުރެއްވި ފަހުން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައި އޭނާ ވެސް އިންނެވި ކަމަށެވެ.

އެ ބައްދަލުވުމުގައި ކައުންސެލް ޖެނެރަލް ވެސް ފާހަގަ ކުރެއްވީ ރުހުން ނެތް ވަޒީރުންނަށް އަލުން ރުހުން ހޯދުމަށް މަޖިލިހަށް ނުފޮނުވޭނެ ވާހަކަ ކަމަށް ބިގޭ ވިދާޅުވި އެވެ. އެހެންވެ، ވަޒީރުންނަށް ރުހުން ދިނުމަށް އަލުން ފޮނުވުމަކީ ގާނޫނީ އިމުގެ ތެރެއިން ކުރާ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރާނަން ކޮން ގޮތަކަށްތޯ މިކަމުގައި އަމަލު ކުރާނީ. އޭގެ ފަހުގައި އަޅުގަނޑުމެން ކުރިއަށް ދާނެ ގޮތެއް ނިންމާނީ،" ބިގޭ ވިދާޅުވި އެވެ.

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ މަޖިލިހުން ރުހުން ނުދިން ވަޒީރުންގެ މައްސަލަ އަލުން މަޖިލިހަށް ރުހުން ހޯދަން ފޮނުވުމަކީ ގާނޫނުއަސާސީ އާއި ދައުލަތުގެ ބާރަކަށް ގޮންޖެހުން ކަމަށެވެ. އަދި ވަޒީރުންނަށް ހަގީގީ ބާރު ލިބެނީ މަޖިލިހުގެ ތެރެއިން ރުހުން ލިބިގެން ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

އަނަސް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ހަގީގަތުގައި ކުރައްވާފައި ވަނީ ގާނޫނުއަސާސީ އާ ހިލާފު އަމަލެކެވެ. އެހެންވެ، މި އަމަލާ ދޭތެރޭގައި އެމަނިކުފާނު ވިސްނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.