ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން 40 ދާއިރާއެއްގައި އިއްޔެ ބޭއްވި ޕްރައިމަރީގައި އެންމެ ބޮޑު ތަފާތެއް ދެއްކި ކެންޑިޑޭޓަކީ ބިލެތްދޫ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) އެވެ.
ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި މުޅި ރާއްޖެ އަށް މަޝްހޫރުކަން ހޯދި މާލޭގެ ގަލޮޅުގެ ވަރުގަދަ ވިޔަފާރި އާއިލާއަކަށް ނިސްބަތްވާ ދޮންބިލެތް ވަނީ އޭނާ ވާދަކުރި ބިލެތްދޫ ދާއިރާގެ ތިން ރަށުން ބޮޑު އަޣުލަބިއްޔަތެއް ހޯދާ ޖުމްލަ 500 ވޯޓު ކަށަވަރުކޮށްފަ އެވެ. އެއީ ޖުމްލަ ވޯޓުގެ 97.28 ޕަސެންޓެވެ. އޭނާއާ ވާދަކުރެއްވި އަލީ މުއާޒަށް ލިބިފައި ވަނީ 14 ވޯޓެވެ.
ފީއަލީ، މަގޫދޫ އަދި ބިލެތްދޫން ދޮންބިލެތަށް އެހާ ތާއީދު ބޮޑުވި ސަބަބެއް ކަމަށް ބެލެވެނީ އޭނާގެ މެންބަރުކަމުގެ ދައުރުގައި އެ ތިން ރަށަށް ގެނެސްދިން ކުރިއެރުމުގެ ސަބަބުން ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ތިން ރަށުގެ ބިން ހިއްކުމާއި މަގޫދޫގައި އެއާޕޯޓު އެޅުން ފަދަ ބޮޑެތި މަޝްރޫއުތައް ހިމެނެ އެވެ. ނިމިދިޔަ ސަރުކާރާ ގުޅުން ބޮޑު މެންބަރެއްގެ ގޮތުގައި ބެލެވުނު ދޮންބިލެތް ވަނީ ފަސް އަހަރުގެ ދައުރުގައި ތިން ރަށުގައި ވެސް ހިންގި މަޝްރޫއުތަކުގެ ލިސްޓެއް ޕްރައިމަރީގެ ކުރިން އާއްމުކޮށްފަ އެވެ.
ދޮންބިލެތުގެ އިތުރުން ވެސް އެހެން ބައެއް ކެންޑިޑޭޓުން ވަނީ އެ މީހުން ވާދަކުރި ދާއިރާތަކުން ބޮޑު އަޣުލަބިއްޔަތެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި ދޮންބިލެތް ފިޔަވައި ދެން ހިމެނެނީ މިހާރުގެ މަޖިލީހުގައި ނުހިމެނޭ ބޭފުޅުންނެވެ.
އެމްޑީޕީ ޕްރައިމަރީގައި އެންމެ މަތިން ވޯޓު ލިބުނު ކެންޑިޑޭޓުން
- އަހުމަދު ހަލީމް - (ބިލެތްދޫ ދާއިރާ) 500
- އަހުމަދު ދީދީ - (މަރަދޫ ދާއިރާ) 451 ވޯޓު
- ހުސައިން ސަމީރު - (ތޮއްޑޫ ދާއިރާ) 449 ވޯޓު
- އިބްރާހިމް ނާފިޒް (ޗިކާ) - (މަޑަވެލި ދާއިރާ) 442 ވޯޓު
- ނަޒްރާ ނަސީމް (ނަޒޫ) - ފުވައްމުލަކު ދެކުނު ދާއިރާ) 434 ވޯޓު
- އަހުމަދު ޝުހާދު - (އިސްދޫ ދާއިރާ) 423 ވޯޓު
އިލެކްޝަންސް ކޮމިޝަނުން މިހާރު ތާވަލް ކޮށްފައިވާ ގޮތުން މަޖިލިސް އިންތިޚާބު އޮންނާނީ މާޗް 17 ވަނަ ދުވަހު އެވެ. ނަމަވެސް އެ ދުވަސް ރޯދާ މަހާ ދިމާވާތީ ރޯދަ މަހު އިންތިޚާބު ނުބޭއްވުމަށް މަޖިލީހަށް ވަނީ އިސްލާހަށް ހުށަހަޅައިފަ އެވެ.